ރައްޔިތުންނަށް ލިބޭ ހުރިހާ އިނާޔަތެއް މުއްސަނދިންނަށް ލިބޭކަށް ނުޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކައް މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އެކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ހަރަދު ކުޑަކުރުމުގެ މަސައްކަތާއި، ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތް އަދި ސަރުކާރާއި ދައުލަތުގެ ވަސީލަތްތައް ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ކުރިއަށްއޮތްތާގަވެސް، އަޅުގަނޑުމެން ގެންދާނީ މިސާލަކަށް ދަންނަވަންޏާ އެެންމެ އާމްދަނީ ރަނގަޅަށް ލިބޭ، އިންކަމް ޓެކްސް ދައްކާ ފަރާތްތައް މިސާލަކަށް މުއްސަނދި ފަރާތްތައް، އެ ފަރާތްތަކަށް ކޮންމެހެން ނުޖެހޭ އާންމު ރައްޔިތުންނަށް ދޭ ހައްގުތައް ދޭން. މިކަހަލަ ކަންކަމަށްވެސް ދިރާސާތައް އެބަ ނިންމަން، އެބަ ނިމޭ" ރައީސް ވިދާޅުވިއެވެ.

އެ ދިރާސާތައް ނިމުނުހާ އަވަހަކަށް އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.