އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ މި ހަފުތާ ބަންދުގައި ރަޝިއާއާއި ޔޫކްރެއިނަށް ވަޑައިގަންނަވާނެ ކަމަށް ދެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ބޭނުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރާ މެދުވެރިކަމުގެ މަސައްކަތްތައް އަލުން ފެށުމެވެ. އެމެރިކާގެ މަންދޫބުންނާ އެކު ކިއޭވް އަދި މޮސްކޯގައި ބާއްވާ ބައްދަލުވުންތަކުގެ ވަގުތީ ތާރީހުތަކެއް މިހާރު ކަނޑައެޅިފައިވާ ކަމަށާއި، ޔޫކްރެއިންގެ މަޝްވަރާ ޓީމުން އެ ބައްދަލުވުންތަކަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މަންދޫބުން ހޮނިހިރު ދުވަހު މޮސްކޯއަށް އަދި އާދީއްތަ ދުވަހު ކިއޭވްއަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް، ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިއޭވްއަށް ކުރާ ދަތުރުގެ އިންތިޒާމުތައް އަދި މުޅިން ކަށަވަރެއް ނުވެއެވެ. ކިއޭވް އިންޑިޕެންޑެންޓް ނޫހުން ބުނި ގޮތުގައި، ދަތުރުގެ އިންތިޒާމުތައް ކަށަވަރުނުވެ ވަނީ ރަޝިއާއިން ދެމުންދާ ޑްރޯން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ސަލާމަތީ ކަންބޮޑުވުންތަކާ ހުރެއެވެ.

ސުލްހައިގެ މަސައްކަތްތަކުގައި އެމެރިކާގެ ބައިވެރިވުން ދެމިއޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޒެލެންސްކީ ފާހަގަކުރެއްވިއެވެ. އެމެރިކާ މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި އެންމެ ފަހުން މަޝްވަރާތައް ބާއްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މަޝްވަރާތައް މެދުކަނޑާލީ އީރާނުގެ މައްސަލައަށް އެމެރިކާގެ ސަމާލުކަން އެނބުރުމާ ގުޅިގެންނެވެ.

މި ދަތުރުގައި ކިއޭވްއަށް ވަޑައިގެންފި ނަމަ، މިއީ ވިޓްކޮފް އާއި ކުޝްނަރ ޔޫކްރެއިނަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާނެއެވެ. މީގެ ކުރިން އެ ބޭފުޅުން ވަނީ މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލުކުރައްވާފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. ރަޝިއާއިން އެދެނީ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ދޫކޮށްލުމަށާއި ނޭޓޯއާ ނުގުޅުމަށެވެ. ނަމަވެސް، ޔޫކްރެއިނުން ވަނީ އެ ކަންކަމަށް އިންކާރުކޮށްފައެވެ.