ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކުރާ ރޮމޭންޓިކް ވޯ ޑްރާމާ "ލަވް އެންޑް ވޯ" ގެ ޝޫޓިން ރަސްމީކޮށް ނިންމާލައިފިއެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ނިންމާލިކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފިލްމު އުފައްދާ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޝޫޓިން ނިންމުމަށްފަހު ފިލްމުގެ މަސައްކަތް މިހާރު ވަނީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާއަށް ބަދަލުވެފައެވެ. މީގެ ތެރޭގައި އެޑިޓިންއާއި ވިޝުއަލް އިފެކްޓްސްގެ މަސައްކަތްތައް ހިމެނެއެވެ. އަދި މި ފިލްމު ދުނިޔޭގެ ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2027 ގައެވެ. ހިންދީ، ތަމަޅަ އަދި ތެލިނގޫ ބަހުން މި ފިލްމު ރިލީޒްކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.
މިއީ "ބްރަހްމާސްތުރަ" އަށްފަހު ރަންބީރާއި އާލިއާ އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި ރަންބީރު ބޮލީވުޑަށް ތައާރަފުވި ފިލްމު "ސާވަރިޔާ" އަށްފަހު ބަންސާލީއާއެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ވިކީ ކޯޝަލް ބަންސާލީގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމު ރިލީޒްކުރާ ދުވަހު ރިޝަބް ޝެޓީގެ ފިލްމު "ދަ ޕްރައިޑް އޮފް ބާރަތު: ޗަތުރަޕަތީ ޝިވާޖީ މަހާރާޖް" ވެސް ސިނަމާތަކަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ތާވަލުކުރީ 2025 ވަނަ އަހަރުގެ ކްރިސްމަސްއާ ދިމާކޮށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފިލްމު ލަސްވެ، 2026 ވަނަ އަހަރުގެ މާޗު މަހަށްވެސް ތާވަލުކުރިއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމުގެ ސެޓުގައި މަސައްކަތްތެރިއަކު މަރުވި ހާދިސާއަކާ ގުޅިގެން އޯލް އިންޑިއަން ސިނޭ ވޯކާސް އެސޯސިއޭޝަނުން ވަނީ ބަންސާލީއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި، ބަދަލު ހޯދުމަށް ޑިމާންޑުކޮށްފައެވެ. މިކަމުގެ ސަބަބުންވެސް ފިލްމުގެ މަސައްކަތަށް ލަސްތަކެއް ކުރިމަތިވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާއިރު، ދެން ކުރިއަށްދާނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.
އާލިޔާ ބަޓް
އާލިޔާ ބަޓް
ކޮމެންޓް