އެޕަލް ކުންފުނިން އަންނަ ހަފުތާގައި ބާއްވާ "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެޕަލްއިން ވަނީ މި މަހުގެ 9 ވާ ބުދަ ދުވަހު ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

އެޕަލްއިން އިވެންޓް ބާއްވާނެ ތާރީހު ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެ ދުވަހު ނެރޭނެ އުފެއްދުންތަކުގެ ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، 12 ސެޕްޓެންބަރުގައި އާ ގަޑިތަކަށް ޕްރީ-އޯޑަރު ކުރަން ހުޅުވާލުމަށްފަހު، 19 ސެޕްޓެންބަރުގައި ގަޑިތައް ވިއްކަން ފަށާނެއެވެ.

ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލް ވޮޗް ސީރީޒް 12 ގައި މައިގަނޑު ގޮތެއްގައި ފެންނާނީ ސިއްހަތާ ގުޅޭ އާ ފީޗާތަކެކެވެ. އޭގެ ތެރޭގައި މެދުކެނޑުމެއްނެތި ހިތުގެ ވިންދު ބަލައިދޭ ފީޗާއަކާއި، މުޅިން އާ ފިޓްނަސް އެޕްލިކޭޝަނެއް ހިމެނެއެވެ. މީގެ އިތުރުން، ހުދު އަދި ގަދަ އަޅި ކުލައިގެ ސެރަމިކް މޮޑެލްތަކެއް ސީރީޒް 12 ގައި ހިމެނޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އެޕަލް ވޮޗް އަލްޓްރާ 4 އާ ގުޅޭގޮތުން ނައިންޓުފައިވްމެކް އަދި މެކްރޫމާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގަޑީގެ ބޭރުފުށުގެ ޑިޒައިނަށް ބޮޑު ބަދަލެއް ނާންނާނެއެވެ. އޭގެ ބަދަލުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ގަޑީގެ އެތެރެއިންނެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކާއި ސިރީގެ އާ އަޕްޑޭޓްތައް ހިންގުމަށްޓަކައި، އަލްޓްރާ 4 ގައި މުޅިން އާ އެސް-ކްލާސް ޗިޕެއް ހިމަނާނެ ކަމަށް އެ ނޫސްތަކުން ބުނެފައިވެއެވެ. އަދި ސިއްހަތު މޮނިޓާކުރާ ސެންސަރުތައް އިތުރަށް ފުރިހަމަކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި އާ އުފެއްދުންތަކުގެ އަގުތަކާއި ފީޗާތަކުގެ ޔަގީން މައުލޫމާތު އެނގޭނީ 9 ސެޕްޓެންބަރުގައި އެޕަލްއިން ބާއްވާ ރަސްމީ އިވެންޓުގައެވެ.