އެޕަލްގެ އެޕް ޓްރެކިން ޕްރައިވެސީ ފީޗާއާ ގުޅިގެން އިނގިރޭސިވިލާތުގެ އެޕް ޑިވެލޮޕަރުންތަކެއް އެ ކުންފުންޏާ ދެކޮޅަށް 2 ބިލިއަން ޕައުންޑްގެ ދައުވާއެއް ލަންޑަންގެ ކޮމްޕެޓިޝަން އެޕީލް ޓްރައިބިއުނަލަށް ހުށަހަޅައިފިއެވެ.

އޭޓީޓީ ކަލެކްޓިވް އެކްޝަން ލިމިޓެޑްގެ ފަރާތުން ހުށަހެޅި މި ދައުވާގައި އިސްކޮށް ހުރީ އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ އޭން ޕޯޕްއެވެ.

އޭނާ ބުނިގޮތުގައި، 2021 ވަނަ އަހަރު އެޕަލްއިން ތައާރަފުކުރި "އެޕް ޓްރެކިން ޓްރާންސްޕޭރަންސީ" (އޭޓީޓީ) ފީޗާގެ ސަބަބުން އެހެން ޑިވެލޮޕަރުންނަށް ވުރެ ބޮޑަށް އެޕަލްގެ އަމިއްލަ އިޝްތިހާރުކުރުމުގެ ވިޔަފާރިއަށް ނާޖާއިޒު ފައިދާތަކެއް ލިބެއެވެ.

ހައުސްފެލްޑް ލޯ ފާމުން ތަމްސީލުކުރާ މި މައްސަލައިގައި ދައުވާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެޕަލްގެ އަމިއްލަ ހިދުމަތްތަކަށްވުރެ ހަރުކަށި އުސޫލުތަކެއް ތާޑް-ޕާޓީ ޑިވެލޮޕަރުންގެ މައްޗަށް ވަނީ މަޖުބޫރުކޮށްފައެވެ. އެގޮތުން، އެހެން އެޕްތަކުން ޔޫޒަރުންގެ މައުލޫމާތު ނެގުމުގެ ކުރިން ދެ ފަހަރަށް ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮންނަ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ފީޗާގެ ސަބަބުން އިނގިރޭސިވިލާތުގެ 13،000 އެއްހާ އެޕް ޑިވެލޮޕަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑިވެލޮޕަރުން ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި ގިނައީ އިޝްތިހާރުގެ އާމްދަނީއަށް ބަރޯސާވާ ކުދި ވިޔަފާރިތަކެވެ. ނަމަވެސް، އެޕަލްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި، އޭޓީޓީ ފީޗާއަކީ އެހެން ކުންފުނިތަކުގެ އެޕްތަކާއި ވެބްސައިޓުތަކުން ޔޫޒަރުންގެ މައުލޫމާތު ޓްރެކްކުރުމުގެ ހުއްދަ ދިނުމާ މެދު ގޮތް ނިންމުމުގެ ބާރު ޔޫޒަރުންނަށް ދިނުމަށް އުފެއްދި ފީޗާއެކެވެ. އަދި އެހެން ޑިވެލޮޕަރުންނެކޭ އެއްގޮތަށް އެޕަލްގެ މައްޗަށް ވެސް ހިނގާނީ ހަމަ އެ އުސޫލުތައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މައްސަލަ މިހާރު އޮތީ ލަންޑަންގެ ކޮމްޕެޓިޝަން އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުގެ މަރުހަލާގައެވެ. މީގެ ކުރިން ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް އަދި އިޓަލީ ފަދަ ޔޫރަޕުގެ އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އެޕަލްގެ މި ފީޗާއާ ގުޅޭގޮތުން ތަހުގީގުތައް ހިންގައިފައެވެ. އަދި އެ ތަހުގީގުތަކާ ގުޅިގެން ބައެއް ގައުމުތަކުން އެ ކުންފުނި ޖޫރިމަނާކޮށްފައިވާއިރު، ޖަރުމަނުވިލާތުގެ އެންގުމަކަށް އެޕަލްއިން ވަނީ އެ ފީޗާއަށް ބަދަލުތަކެއް ގެންނަން ވެސް އެއްބަސްވެފައެވެ.