މަސްތުވާތަކެތީގެ އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުމުގެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ޏ. ފުވައްމުލަކު ދެ މީހަކު ގދ. އަތޮޅު ފުލުހުން ހައްޔަރުކޮށްފިއެވެ.

ގދ. އަތޮޅު ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕާ ސައުތު ޕޮލިސްގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި ގދ. ތިނަދޫ ޕޮލިސްގެ އިތުރުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައެވެ.

އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން، ގދ. ތިނަދޫ/ މިއްރީހުގެ ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޯނާޑް، މުހައްމަދު ޘަނާއު (31އ) އާއި ޏ. ފުވައްމުލައް / ކެމީ، އިބްރާހީމް ނުއާސް (30އ).

"އެ ދެ މީހުންނަކީ ވެސް މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި. ބަލައި ފާސްކުރި ގެއިން ފެނުނު ތަކެތީގެ ބަރުދަނުގައި 107.72 ގްރާމް/ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޝީޓް އާއި 31.25 ގްރާމް / މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޕެކެޓް ފެނިފައި." ފުލުހުން ބުންޏެވެ.

އެތަކެތީގެ ވަގުތީ ބަރުދަނުގައި 138.97 ގުރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕަރޭޝަނުގައި އިތުރު ދެ ގެއެއް ބަލައި ފާސްކުރި ކަމަށާއި އަދި އެ މައްސަލަ ތިނަދޫ ޕޮލިސް އާއި ކްރައިމް ސެލް އިންވެސްޓިގޭޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.