ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން 426 ބިދޭސީން ޗެކްކޮށް، 13 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން އިއްޔެ ވަނީ މާލެ ސަރަހައްދު ބަލައި ފާސްކޮށްފައެވެ.

"ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 426 ބިދޭސީން ބަލައި ފާސްކުރި އިރު ގަވައިދާ ހިލާފަށް މަސައްކަތް ކުރާ 13 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި،" އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުންވެސް މިދިޔަ ހަފުތާ ބަންދުގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނުގައި ހުޅުމާލެ ރަށު މާރުކޭޓުގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 55 ބިދޭސީއެއް ބަލައިފާސްކޮށް ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 20 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

5 ސެޕްޓެމްބަރު 2026: ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް --- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން، 2023 ނޮވެމްބަރު 17ިން މި އަހަރުގެ ޖޫން 13ވަނަ ދުވަހުގެ ނިޔަލަށް 12،552 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުންނާއި ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލައި ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.