އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން ބަލިކޮށް، ލިވަޕޫލުން ފުރަތަމަ މޮޅެއް ހޯދައިފިއެވެ.

ރޭ ރަށުން ބޭރުގައި ލިވަޕޫލުން 2-0 އިން މޮޅުވި އިރު، އެ މޮޅަކީ އާ ކޯޗު އަންޑޯނީ އިރައޯލާގެ އިރުޝާދުގެ ދަށުން އެޓީމު ހޯދި ފުރަތަމަ ލީގު މޮޅެވެ. ރޭގެ މެޗަށް ނުކުތް އިރު، އޭގެ ކުރިން ލިވަޕޫލުން އޮތީ ލީގުގައި ކުޅުނު ދެމެޗުންވެސް އެއްވަރުވެފައެވެ. އެއީ ނިއުކާސަލް އަދި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެގެންނެވެ. އެ ދެމެޗުންވެސް ލިވަޕޫލް އެއްވަރުވީ 2-2 އިންނެވެ.

ރޭގެ މެޗު ލިވަޕޫލް ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ ވަރުގަދަ ފެށުމުގެ ނަތީޖާއެއްގެ ގޮތުން ހަވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. ޓްރާންސްފާ ޑެޑްލައިން ޑޭގައި ކްލަބު ދޫކޮށްލާނެ ކަމަށް ވާހަކަތައް ދެކެވުނު ކޯޑީ ގަކްޕޯ ދުއްވާލި ހިތްގައިމު ޕާހަކާއެކު ލިވަޕޫލަށް ލީޑު ނަގައިދިނީ އެލެކްސެންޑާ އިސާކެވެ.

އޭރިއާގެ ކަނުން ކަހަލަ ގޮތަކަށް އިސާކް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ދާގަނޑަށް ވާގޮތަށެވެ. އެ ހަމަލާ ހުއްޓުވަން އިޕްސްވިޗްގެ ކީޕަރު ޖެލް ޝާޕެން މަސައްކަތް ކުރި ނަމަވެސް އަތުގައި ޖެހިފައި ވަނީ ގޯލް ތެރެއަށެވެ.

މެޗުގެ 10 މިނެޓުވެސް ނުހިނގަނީސް ލިވަޕޫލުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލްވެސް ޖަހައިދިނީ ސްވިޑެންގެ ފޯވަޑް އިސާކެވެ. ގަކްޕޯގެ ބޯޅައިގައި، އިޕްސްވިޗްގެ ޑިފެންޑަރު ޖެކޯބް ގްރީވްސް ބީޓް ކޮށްލުމަށްފަހު އޭނާ ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.

އޭގެފަހުން ހެޓްރިކް ފުރިހަމަކުރަންވެސް އިސާކަށް ފުރުސަތު ލިބިފައިވާ އިރު، ފްލޯރިއަން ވާޓްސް ތަނަވަސްކުރި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ކާމިޔާބެއް ނުވިއެވެ. އޭގެ އިތުރުން ތިންވަނަ ގޯލަކަށް ޑޮމިނިކް ޒޮބޮސްލާއީ ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރެވެ.

މެޗުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، އިޕްސްވިޗްގެ ހޫލިއޯ އެންސީސޯ ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އެލިސަން ބެކާ މަތަކުރި އިރު، އޭގެފަހުން ޖެކް ކްލާކް ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.