މިޔަންމާގައި މިހާރު ކުރިއަށްދާ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރި މެޗަށްފަހު، ރާއްޖެއަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ވާހަކަ ދެއްކި ސްރީ ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު އިމްރާނަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) ފިޔަވަޅު އަޅާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ރާއްޖޭގެ ޒުވާން ޓީމުން މިފަހަރު ލަންކާއާ ދެކޮޅަށް ކުޅުނު މެޗު، 4-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުން މޮޅުވެ ރާއްޖޭން ވަނީ ކޮލިފައިން ފޭސްއިން ޖާގައެއް ކަށަވަރު ކޮށްފައެވެ. އެމެޗު ވެގެން ދިޔައީ ބަދަލުހިފުމުގެ މެޗަކަށެވެ. ރާއްޖޭގައި މިއަހަރު ބޭއްވި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ އާއި ލަންކާއިން ބައްދަލުކުރިއެވެ. ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ، ރާއްޖެ މާޔޫސްކޮށްލައިފައެވެ. އެމެޗުން ލަންކާ މޮޅުވީ ރާއްޖޭން ދެ ގޯލް ޖަހާފައި އޮއްވައި ފަހަތުން އަރައެވެ.

މިޔަންމާގައި ކުޅުނު މެޗަށްފަހު އިމްރާން ވާހަކަ ދެއްކީވެސް އެމެޗަށް ނިސްބަތްކޮށެވެ. އިމްރާން މެޗަށްފަހު ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ކުރިމަތިލައި، ރާއްޖެއަށް ނިސްބަތްކޮށް ބޭއަދަބީ އިބާރާތްތައް ބޭނުކޮށްގެން ވާހަކަ ދެއްކި ވީޑިއޯވެސް އާންމުވެފައިވެއެވެ.

ލަންކާ ނޫސްތަކުން ބުނީ އެ މައްސަލައިގައި އިމްރާން ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް ޖަސްވާރު އުމަރު އެ މައްސަލަ ސީރިއަސްކޮށް ބައްލަވަން ނިންމަވާފައިވާ ކަމަށް ލަންކާ ނޫސްތަކުގައި ބުނެފައިވާ އިރު، ހަބަރުތައް ބުނީ ރައީސް އެކަމާ ހިތްހަމަ ނުޖެހުނީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން މަސައްކަތް ކުރާ ކޯޗެއްގެ ފަރާތުން ބޭއަދަބީ ކަންކަން ފެނުމުން ކަމަށެވެ.

ސްރީ ލަންކާއިން ވަނީ އޭއެފްސީ ކޮލިފައިންގެ ޑެވަލޮޕްމަންޓް ފޭސްގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް 4-0 އިން ބަލިވެފައެވެ. ފުރަތަމަ މެޗުގައި މިޔަންމާ އަތުންވެސް ބަލިވެފައިވާ އިރު، ދެވަނަ މެޗުގައި ބަލިވީ ރާއްޖެ ކައިރިންނެވެ. ސްރީ ލަންކާއިން ގްރޫޕްގައި ކުޅޭ ތިންވަނަ މާދަމާ ކުޅޭނީ ބްރުނާއީ ދާރުއްސަލާމާ ދެކޮޅަށެވެ.

ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެ، ރާއްޖެއާއި މިޔަންމާއިން ވަނީ އޭއެފްސީ 20 އަހަރުން ދަށުގެ ދެން އޮތް މުބާރާތުގެ ކޮލިފައިން ފޭސްއިން ޖާގަ ހޯދައިފައެވެ. ގްރޫޕްގެ އެއްވަނަ ކަނޑައަޅާ މެޗުގައި މާދަމާ ރާއްޖެއާއި މިޔަންމާ ވާދަކުރާނެއެވެ.