މިދިޔަ ތިން މަސް ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކުން 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު، މިއަދު ހަވީރު 4:00 ގައި ޓީވީއެމްގެ ސްޓޫޑިއޯއެއްގައި ބާއްވަން އޮތް ނިއުސްކޮންފަރެންސް ކެންސަލް ކުރެއްވީ "އަދަދު" ނޫހުން ހުރަސް އެޅި ކަމަށް ވިދާޅުވެއެވެ.

ނަމަވެސް ނުރަސްމީކޮށް، ޕީއެސްއެމް ގޯތިތެރޭގައި ހުންނަ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކެފޭގައި ނޫސްވެރިންނާ އެކު ބޭއްވި ސައެއްގައި މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ ދަށުން ވަކި ކުރީ ސަރުކާރުގެ 15 މިނިސްޓްރީގެ ހަތަރު މަގާމެއްގައި ތިބި މީހުން ކަމަށެވެ. އެއީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން އަދި ޕޮލިޓިކަލް ޑައިރެކްޓަރުން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ވަކިކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ވަކި ކުރާ އެ މުވައްޒަފުންގެ ތެރޭގައި އެއްވެސް އެސްއޯއީތަކެއްގެ މީހުން ނުހިމެނޭ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކޮށް ދަންނަވަން ކެރޭނެ، ހުރިހާ އެސްއޯއީތަކަކުން ވެސް ރައިޓްސައިޒްކޮށް ނިމޭއިރު އަޅުގަނޑުމެން ވެއްދި އަދަދަށް ވުރެ ބޮޑު އަދަދެއް އުނިވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ ސީދާ އަދަދެއް "ޕްރޮސެސް ނިމުމުން" ހާމަކުރައްވާނެ ކަމަށެވެ.