މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީއެންސީ ކަމަށާއި އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ގާއިމުވި މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީ ކަމަށެވެ. އަދި މި ކާމިޔާބީއާ ގުޅިގެން ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޭނާ މަރުހަބާ ދެންނެވިއެވެ.

"މިއަދު މި ޕާޓީގެ މެންބަރުންގެ އަދަދަކީ 77000 މެންބަރުން" ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، 20 މަޖިލީހުގެ ޕީއެންސީގެ ހުރިހާ މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ސާބިތުކަމާއެކު ކަމަށެވެ.

"ވިހި ވަނަ މަޖިލީހުގެ އިއްޒަތްތެރި ހުރިހާ މެންބަރުން ތިބީ ރައީސް މުއިއްޒުއާއެކު ގަދަކޮށް. އެއް ގޮތަކަށް ޔާމީން ހިޔާލަށްވެސް ގެނެސްގެން ނުވާނެ އެކަހަލަ ކަމެއްވާނެ ކަމަކަށް" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ޑޮލަރުގެ އަގު ކުރިން ހުރި ރޭޓު މިހާރުވެސް 23 ރުފިޔާއިން 19.80 ރުފިޔާއަށް ތިރިވެފައިވާ ކަމަށާއި އަދިވެސް ތިރިވާނެ ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ ގައުމަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ހިތްވަރާއި ގާބިލުކަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ.