ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 40 ޕަސެންޓް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މަހަކު ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ލާޒިމުކޮށް އެ އުސޫލަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
އެ އިސްލާހާ ގުޅިގެން ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕީއެސްއެމް ގޯތިތެރޭގައި ހުންނަ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކެފޭގައި ނުރަސްމީކޮށް ނޫސްވެރިންނާ އެކު ބޭއްވި ސައެއްގައި މުންދު ވިދާޅުވީ އެ ބަދަލު ގެނައީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށެވެ.
އެގޮތުން ޑޮލަރުގެ މައްސަލައަށް ހައްލު ގެނައުމަށް ބަދަލުތައް ގެނައުމަށް ދިރާސާތަކެއް ކުރި ކަމަށާއި އެ ދިރާސާއަށް ފިނޭންސް މިނިސްޓްރީގެ ތަޖުރިބާކާރުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މައުލޫމާތާއި ތަފާސްހިސާބު އެއްކުރި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޓީއާ ވެސް މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ
"އަޅުގަނޑުމެން ބުނިން ބޭނުމީ ތިބޭފުޅުންގެ މަޝްވަރާއާ އެކުގައި ތި ބޭފުޅުންގެ އިންޕުޓާ އެކުގައި، ތިބޭފުޅުން ގޮވައިގެން މިކަމުގައި ކުރިއަށް ދާން ކަމަށް. ސައްހަ މައުލޫމާތުކޮޅެއް ދެއްވާށޭ. އަޅުގަނޑުމެންނާ ކޯޕަރޭޓް ކޮށްދެއްވާށޭ ވެސް ބުނިން،" މުންދު ވިދާޅުވިއެވެ.
"ވަކިވަކިން އަޅުގަނޑުމެން އިންޑަސްޓްރީގެ ބޭފުޅުންނާ ވާހަކަ ދެއްކިން." މުންދު ވިދާޅުވިއެވެ.
ރިސޯޓުތަކުން 40 ޕަސަންޓު ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައި ނަމަވެސް، ސަތޭކައިން ސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭ ބޭރުފައިސަގެ އިންސައްތައަކީ، އެފަރާތްތަކުން މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ ގްރިސްރޭޓްގެ ހަ ޕަސެންޓް ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މަޓީއިން ވަނީ އެ ބަދަލާ ދެކޮޅު ހަދައިފައެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިސޯޓްތަކުން ތެލާއި މުސާރަ، ސާވިސް ޗާޖް، ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް، އިންކަމް ޓެކްސް، ކުލި، އަދި ބޭރު ފައިސާއިން ދައްކަންޖެހޭ ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަންޖެހޭ ކަމަށާއި، ވީމާ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރުމަކީ ޓޫރިޒަމް ސިނާއަތަށް ތަހައްމަލު ކުރެވޭނެ ވަރުގެކަމެއް ނޫން ކަމަށެވެ.
ނަމަވެސް، ބައެއް ރިސޯޓް އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ތަހުގީގަކަށް ފަހު ތުހުމަތު ކޮށްފައިވެއެވެ. މަޓީއިން ބުނެފައިވަނީ އެފަދަ ކަމެއްގެ މައުލޫމާތު ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށާއި، ހުރިހާ ރިސޯޓް އޮޕަރޭޓަރުންވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ބާރު އަޅާ ކަމަށެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ދަތިވެފައިވާ ދަނޑިވަޅެއްގައި ފާސްކުރި އެ ބިލާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކޮށްގެން ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ފާއިތުވި މަހުގެ ނިޔަލަށް އެމްއެމްއޭ އަށް މާރުކުރި ޑޮލަރުގެ 56 ޕަސެންޓް ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ކޮމެންޓް