ވިއެޓްނާމްގެ ނާ ޓްރަންގްގައި ބޭއްވި 73 ވަނަ މިސް ވޯލްޑް މުބާރާތުގެ ތާޖު، ޑޮމިނިކަން ރިޕަބްލިކްގެ ޖޮހެއިރީ މޯލާ ޑޮމިންގޭޒް ކާމިޔާބުކޮށްފިއެވެ. އިއްޔެ ބޭއްވި މި މުބާރާތުގައި 110 އަށް ވުރެ ގިނަ ގައުމެއްގެ ބައިވެރިންނާ ވާދަކޮށް އޭނާ މި މަގާމު ހޯދިއިރު، މުބާރާތުގެ ދެވަނަ ލިބުނީ ސްޕެއިންގެ އެލިޒަބަތު ރޭނޭސް އަށެވެ. އަދި ތިންވަނަ މަގާމު ހޯދީ މެލޭޝިއާގެ ޓާނުސިޔާ ޗެޓީއެވެ. ޖޮހެއިރީއަށް ތާޖު ހަވާލުކޮށްދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް، ތައިލެންޑުގެ އޯޕަލް ސުޗާޓާ ޗުއަންގްސްރީއެވެ.
މިއީ 44 އަހަރުގެ މެދުކެނޑުމަކަށް ފަހު ޑޮމިނިކަން ރިޕަބްލިކަށް މިސް ވޯލްޑްގެ ތާޖު ލިބުނު ފުރަތަމަ ފަހަރެވެ. އެ ގައުމުން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 1982 ވަނަ އަހަރު މަރިއަސޭލާ އަލްވަރޭޒްއެވެ. ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތާރީހީ ކާމިޔާބީއާ ގުޅިގެން ޑޮމިނިކަން ރިޕަބްލިކްގައި އަންނަނީ އުފާފާޅުކުރަމުންނެވެ. ޖޮހެއިރީއަކީ ޓީޗަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މީހެކެވެ. މުބާރާތުގެ އެންމެ ފަހު ސުވާލާއި ޖަވާބުގެ ބައިގައި އޭނާ ވަނީ “ވޮއިސަސް އޮފް ޓުމޯރޯ” ގެ ނަމުގައި އޭނާ ފަށާފައިވާ ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.
މި ހަރަކާތުގެ ދަށުން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ކުޑަކުދީންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާކަން އޭނާ ފާހަގަކުރިއެވެ. ޖޮހެއިރީ ބުނި ގޮތުގައި، އެ ކުދިންނަށް އިނގިރޭސި ބަސް އެނގުމަކީ ދިރިއުޅުމުގައި ކުރިއަށްދިއުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.
“އެ ވަސީލަތުގެ ސަބަބުން އަހަރެމެންނަށް ވެސް މިއަދު މި ހިސާބަށް އާދެވިއްޖެ. އެއީ އަހަރެމެންގެ އިހުސާސްތައް ފާޅުކުރުމަށާއި މަގުސަދުތައް ބަޔާންކޮށްދިނުމަށް ލިބޭ ވަރަށް މުހިންމު ބާރެއް،” މުބާރާތުގެ ތެރޭގައި ޖޮހެއިރީ ބުންޏެވެ. އަދި އެއީ އެ ކުދިންގެ މުޅި އުމުރަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
މިސް ވޯލްޑްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ޖޮހެއިރީއަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ، އަދި މުޖުތަމައުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަންހެނެކެވެ.
މިއަހަރުގެ މުބާރާތަކީ މިސް ވޯލްޑް ޖަމިއްޔާއަށް 75 އަހަރު ފުރުން ފާހަގަކުރި މުބާރާތް ކަމަށްވާއިރު، މުބާރާތުގެ ގަދަ 40 އިން ފެށިގެން އެކި މަރުހަލާތަކަށް ފަހު ގަދަ ހައެއް ކަށަވަރުކޮށް، އެންމެ ފަހުން ތާޖު ހާސިލުކުރީ ޖޮހެއިރީއެވެ.
މިސް ވޯލްޑް
ކޮމެންޓް