މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ހަލީފާއާއި އިތުރު 11 މީހަކު ދަންޖައްސައިގެން މެރުމަށް ގާހިރާގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ސާރާގެ މައްޗަށް ސާބިތުވެފައިވަނީ، މަސްތުވާތަކެތި އުފައްދައި އޭގެ ވިޔަފާރިކުރުމަށްޓަކައި ރޭވިގެން ހިންގާ ކުށްކުރާ ގްރޫޕެއް އުފެއްދުމުގެ ކުށެވެ. ސާރާއަކީ ސަލާމަތީ ކަންކަމާއި ކުށްކުރުމާ ގުޅޭގޮތުން ގެނެސްދިން "މިޝަން އިމްޕޮސިބަލް" ޕްރޮގްރާމުން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތެކެވެ. މީގެ އިތުރުން އޭނާއަކީ ކޮސްމެޓިކް ސާޖަރީ ކްލިނިކަކާއި އިވެންޓް މެނޭޖްކުރާ ކުންފުންޏެއް ވެސް ހިންގަމުން އައި މީހެކެވެ.

މިސްރުގެ ދައުލަތުގެ މީޑިއާ ކަމަށްވާ "އަލް-އަހްރާމް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ވަނީ ގަވާއިދާ ހިލާފަށް ހަތިޔާރާއި ވަޒަން ގެންގުޅުމުގެ ކުށް ވެސް ސާބިތުވެފައެވެ. ދައުލަތުގެ އެހެން ނޫހެއް ކަމަށްވާ "އަހްބާރު އަލް-ޔައުމް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދައުވާ ލިބޭ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ބޭރުން ސާމާނު އެތެރެކޮށްގެން ސިންތެޓިކް ޑްރަގް އުފައްދައި އޭގެ ވިޔަފާރިކުރުމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި 750 ކިލޯގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މަސްތުވާތަކެތި އުފެއްދުމަށް ލެބޯޓަރީގެ ގޮތުގައި ބޭނުންކުރި ދެ އެޕާޓްމަންޓެއް ވެސް ފުލުހުން ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ސާރާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އިދާރާގެ އޮފީހުގައި އެ ތަކެއްޗާއެކު ފޮޓޯ ނެގުމާ ހަމައަށް އޭނާ ދުވަހަކު ވެސް މަސްތުވާތަކެތި ދެކެފައެއް ނުވެއެވެ.

މިސްރުގެ ގާނޫނުތައް އޮންނަ ގޮތުން މަރުގެ ހުކުމެއް އިއްވުމުގެ ކުރިން އެ ގައުމުގެ ގްރޭންޑް މުފްތީގެ ލަފާ ހޯދަން ޖެހޭއިރު، ކޯޓުން މި ހުކުމް އިއްވާފައިވަނީ މުފްތީގެ ލަފާ ހޯދުމަށް ފަހުގައެވެ. މީގެ އިތުރުން، ޒުވާން ފިރިހެނަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ބުނާ ވަކި މައްސަލައެއްގައި ސާރާ ފަސް އަހަރަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތްތަކަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.