ޕޫނޭގެ ވިޔަފާރިވެރިއެއް ކަމަށްވާ ކޭތަން އަގަރްވާލް މަރާލި މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ޕޫނޭ ރޫރަލް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ރިތޭޝް ހާންގޭއެވެ. އޭނާއަކީ މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ ޗޭތަން ޗައުދަރީގެ ގާތް ރަހުމަތްތެރިއެކެވެ.

ކޭތަން މަރާލާފައިވަނީ ޖޫން 18 ވަނަ ދުވަހު ލޯހަގަޑް ފޯޓުން ތިރިއަށް ވައްޓާލައިގެން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ކޭތަންއާ ކައިވެނިކުރުމަށް އެންގޭޖްވެގެން ހުރި ސިޔާ ގޯޔަލްއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ޗޭތަންއެވެ.

ޕޫނޭ ރޫރަލްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަންދީޕް ސިންގް ގިލް ވިދާޅުވި ގޮތުގައި، ކޭތަން މަރާލުމަށް ރޭވި ރޭވުމުގައި ރިތޭޝް ބައިވެރިވެފައިވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، ކޭތަންގެ އަތްފައި ބިންދާލައި އޭނާއަށް އަނިޔާކުރުމަށްފަހު މަރާލުމަށް ސިޔާއާއި ޗޭތަން ކުރިން ރޭވި ރޭވުމުގެ މައުލޫމާތު ރިތޭޝްއަށް އެނގެއެވެ. އަދި ޖޫން 18 ވަނަ ދުވަހު ކޭތަން މަރާލުމަށްފަހު، އެކަން ޗޭތަން ވަނީ ރިތޭޝްއަށް އަންގާފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، ރިތޭޝްގެ މައްޗަށް ތުހުމަތުތައް އަމާޒުވީ ޗޭތަންގެ ފޯނުން ފޮހެލާފައިވާ މެސެޖުތަކެއް ފޮރެންސިކް ތަހުލީލުތަކުން އަނބުރާ ހޯދުމާ ގުޅިގެންނެވެ.

ތަހުގީގުކުރާ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭތަން މަރާލާފައިވަނީ ސިޔާއާއި ޗޭތަންގެ ގުޅުމަށް އޭނާ ހުރަހަކަށް ވާތީއެވެ. މި މައްސަލައިގައި ސިޔާއާއި ޗޭތަން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަލަށް ހައްޔަރުކުރި ރިތޭޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.