ނެޓްފްލިކްސްގެ މަޝްހޫރު އެންތޮލޮޖީ ފިލްމު ސިލްސިލާ "ލަސްޓް ސްޓޯރީސް"ގެ ތިންވަނަ ބައި، "ލަސްޓް ސްޓޯރީސް 3" މި މަހުގެ 18 ވަނަ ދުވަހު ނެރޭނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މި ފަހަރުގެ ފިލްމުގައި ހިމެނޭ ހަތަރު ވާހަކަ ޑައިރެކްޓުކުރަނީ ވިކްރަމަދިތްޔާ މޮޓްވާނޭ، ކިރަން ރާއޯ، ޝަކުން ބަޓްރާ އަދި ވިޝާލް ބަރަދްވާޖް ކަމަށް ނެޓްފްލިކްސްއިން ބުނެފައިވެއެވެ. މި ހަތަރު ޑައިރެކްޓަރުން ވެސް ގެނެސްދޭނީ ލޯތްބާއި، އިންސާނީ ގުޅުންތަކާއި، އަދި އެކި ކަހަލަ އިހުސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ތަފާތު ހަތަރު ވާހަކައެއް ކަމަށް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

ރަސްމީ އިއުލާނުގައިވާ ގޮތުން، މި ފިލްމުގެ ތަރިންގެ ތެރޭގައި ރާދިކާ އާޕްޓޭ، ކޮންކޮނާ ސެން ޝަރްމާ، އަދިތީ ރާއޯ ހައިދަރީ، ރާދިކާ މަދަން، ސަނާ ތަމްޕީ އަދި ވިޖޭ ވަރްމާ ހިމެނެއެވެ. މީގެ އިތުރުން އަލީ ފަޒަލް، އަބީޝެކް ބެނާޖީ، ސިދާރްތު އަދި ގުރްފަތޭހް ޕިރްޒާދާ ވެސް މި ފިލްމުން ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ. އެކި ޖީލުތަކުގެ އަދި ތަފާތު ފަންނުވެރިކަން ހުރި ތަރިން މި ފިލްމުގައި ހިމެނުމަކީ ފިލްމަށް ލިބޭ އިތުރު ފުރިހަމަކަމެއް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނެޓްފްލިކްސް އިންޑިއާގެ އޮރިޖިނަލް ފިލްމްސްގެ ޑިރެކްޓަރު ރުޗިކާ ކަޕޫރު ޝެއިހް ބުނި ގޮތުގައި، މި ސިލްސިލާއަށް ބޮޑު ތަރުހީބެއް ލިބެނީ ކޮންމެ ފަހަރަކު ވެސް އާ ގޮތްތަކެއް ހުށަހަޅައިދޭތީއެވެ. އޭނާ ފާހަގަކުރި ގޮތުގައި ކޮންމެ ވާހަކައެއް ވެސް ފެށެނީ އާންމު އިންސާނީ އިހުސާސަކުން ކަމަށް ވިޔަސް، ނިމިގެންދަނީ މުޅިން ތަފާތު ނަތީޖާއަކަށެވެ. ހަތަރު ޑައިރެކްޓަރުންގެ ތަފާތު ހަތަރު ނަޒަރިއްޔާތެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އާރްއެސްވީޕީ އަދި ފްލައިން ޔުނިކޯން އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމާ ގުޅޭގޮތުން ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާ ބުނީ، ކޮންމެ ފަހަރަކު ވެސް މި ސިލްސިލާއިން އިންސާނީ ގުޅުންތަކުގެ ތަފާތު މަންޒަރުތައް ދައްކުވައިދޭ ކަމަށެވެ. އަދި މި ފަހަރުގެ ހަތަރު ޑައިރެކްޓަރުންނާއެކު މި ދަތުރު ކުރިއަށް ގެންދިއުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ބުންޏެވެ.

"ލަސްޓް ސްޓޯރީސް"ގެ ފުރަތަމަ ބައި 2018 ގައި ނެރުނުއިރު، ދެވަނަ ބައި ނެރެފައިވަނީ 2023 ގައެވެ. މި ސިލްސިލާގެ ތިންވަނަ ބައި މި މަހުގެ 18 ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާނެއެވެ.