އީރާނުގެ ކަނޑުބޯޓުތަކަށް އުނދަގޫކޮށް، ކަނޑުމަގުން އެ ގައުމު ހިސާރުކުރުމުގައި ބައިވެރިވި ކަމަށް ބުނެ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި ޑިސްޓްރޯޔަރަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނީ އެ ގައުމުގެ އެރޯސްޕޭސް ފޯސްއިން ކަމަށެވެ. މި ހަމަލާތަކުގައި އެމެރިކާގެ ދެ މަނަވަރަށް ގެއްލުންވެ، އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އީރާނުން ދިން ހަމަލާތަކުން އެމެރިކާގެ މަނަވަރުތައް ވަނީ ސަލާމަތްވެފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި އީރާނުގެ ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ތެޔޮ އުފުލާ ތިން ބޯޓެއް ކަމަށްވާ “އެމްޓީ ޑައުނީ”، “އެމްޓީ ސްޓާކް 1” އަދި “އެމްޓީ ކައިލޯ” އަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރު ކޮށްލާފައި ކަމަށް ސެންޓްކޮމްއިން ބުނެފައިވެއެވެ.

ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ބުނި ގޮތުގައި، އެމެރިކާގެ ދެ މަނަވަރަށް ހަމަލާދީފިނަމަ، އޭގެ ބަދަލުގައި އީރާނުގެ ތިން ބޯޓު ހަލާކުކޮށްލައި، އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް ދޭނެއެވެ. މީގެ އިތުރުން، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، އީރާނުން އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނަމަ، އީރާނުގެ ތެޔޮ ބޯޓުތައް ހަލާކުކޮށް ފައްތާލާނެއެވެ.

މި ހަމަލާތަކާ ގުޅިގެން، އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް، މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ.