ހއ. އިހަވަންދޫގައި ހުންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އައިސްޕްލާންޓްގެ އެކޮމޮޑޭޝަން ބްލޮކް ތެރޭގައި 16، ޖޫން 2018 ގައި، ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރައިލިކަމުގެ ކުށް، ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށް ސާބިތުވެ އޭނާ މަރަން ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމަށްފަހު ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުން ނިންމާލައިފިއެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔައީ ސުމޮން މިޔާ މަރަން ކުރިމިނަލް ކޯޓުން ކުރި ހުކުމް ކަށަވަރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެކެވެ.

މިއަދުގެ އަޑު އެހުމުގައި ޝަރީއަތް ފެއްޓެވުމަށްފަހު، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް، ވަކީލެއް ހަމަޖައްސަން ބޭނުންވޭތޯ ސުމޮން މިއާއާ ސުވާލު ކުރެއްވުމުން، އޭނާ ބުނީ ވަކީލެއް ބޭނުންވާ ކަމަށެވެ.

ވަކީލެއް ހޯދަން މަސައްކަތް ކުރިތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން، އޭނާ ބުނީ ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދިޔަ އިރު ވަޑައިގެންނެވި ވަކީލުން، ހައިކޯޓަށް ވަޑައިގަންވާނެ ކަަމަށް ހީކުރި ކަމަށެވެ. ދެން ބުނީ ދައުލަތުން ވަކީލެއް ހަމަޖައްސައިދިނުން އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން ފަނޑީޔާރު ވިދާޅުވީ، ސުމޮން މިއާ އަށް ދައުލަތުން ވަކީލަކު ހަކަޖައްސަން ފުރުސަތު އަރުވާ ކަމަށެވެ. އަދި ސުމޮން އަށް އަވަހަށް ވަކީލަކު ހަމަޖައްސަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް، ކޯޓުގައި ތިއްބެވި ދައުލަތުގެ ވަކީލުންގެ ކިބައިން ފަނޑިޔާރު އެދި ވަޑައިގެންނެވިއެވެ.

މައްސަލައިގެ ލިއުންތައް ލިބިފައިވޭތޯ، ފަނިޔާރު ކުރެއްވި ސުވާލަށް ޖަވާބު ދެމުން ސުމޮން ބުނީ ދަށު ކޯޓުން ހުކުމް ކުރި ލިޔުންތައް ލިބިފައިވާ ކަމަށާއި ހައިކޯޓުގެ ޝަރީއަތާ ބެހޭ ލިޔުންތައް ނުލިބޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި، އެސިސްޑެންޓް ޕްރޮކިއުޓާ ޖެނެރަލް މަރިޔަމް ފިޒްލީން ހަމައެކަނި އެދިވަޑައިގަތީ، މައްސަލަ ހުށަހެޅި ފޯމުގެ ދެ ތަނެއް އިސްލާހު ކޮށްލެއްވުމަށެވެ.

އެ ކަމަށް ފުރުސަތު ދެއްވުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ސުމޮންމިއާ އަށް ވަކީލަކު ހަމަޖެހުމުން ކަމަށެވެ.

މިއަަދުގެ އަޑުއެހުމުގައި ސުމޮން މިއާ ވާހަކަ ދެއްކީ ތަރުޖަމާނެއް ބޭނުން ކޮށްގެންނެވެ.

އިއްސެގެ މަރުގެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ.

މި މައްސަލައިގައި އިއްސެ މަރާލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން އެއްބަސްުވުމަށްފަހު އެންމެ ފަހު މަރުހަލާގައި އޭނާ އެކަމަށް އިންކާރު ކުރިއެެވެ.

މިކަމާ ގުޅިގެން ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ، އައިސްޕްލާންޓްގެ އެކޮމޮޑޭޝަން ބްލޮކްގައި ނިދާފައި އޮއްވައި، އިއްސެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ކަމަށް އިބްތިދާއީ މަރުހަލާގަ އާއި ޝަރީއަތުގެ މަރުހަލާގައި ވެސް ޝުމޮން މިއާ އިއުތިރާފުވެފައިވާ ކަމަށެވެ.

ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި އޭނާ ދައުވާއަށް އިންކާރުކޮށް، އިއުތިރާފުން ރުޖޫއަވި ނަމަވެސް، ދައުވާއަށް އިންކާރުކުރި ސަބަބަކީ އިއުތިރާފުން ރުޖޫއަވެވޭނެ ފަދަ ސަބަބެއް ކަމަށް ޝަރީއަތުން ނުދެކޭތީ އާއި، ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

އިއްސެގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި ތިން މީހުން ކަމަށްވާ އޭނާގެ ދެބެއިންގެ ދެދަރި ބޭބެ އާއި އެއްބަނޑު އެއްބަފާ ދެ ދައްތަ ބޭނުންވަނީ އިއްސެގެ މަރުގެ ބަދަލުގަައި ގާތިލުގެ ކިބައިން ގިސާސް ހިފަން ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.

އެހެންކަމުން ޝުމޮން މިއާގެ މައްޗަށް ސާބިތުވި، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން، އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ ހިލާފުނުވާނޭ ގޮތުގެމަތިން، ޝުމޮން މިއާ މެރުމަށް ދައުލަތުގެ ކަމާބެެހޭ ފަރާތްތަކަށް އަންގައި ހުކުމް ކުރާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.