ސަލާމަތީގޮތުންނާއި އިޖުތިމާއީގޮތުންނާއި އިގުތިސާދީގޮތުން، ރާއްޖެއަށް ހަމަޖެހުން އަންނާނީ، މި ގައުމުގައި އުޅެމުންދާ މީހުންނާއި، ގައުމަށް އިންވެސްޓް ކުރަން އަންނަ މީހުންނާއި، މި ގައުމުގައި ވަގުތުކޮޅެއް ހޭދަކުރަން އަންނަ މީހުންނަށް، މި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮވެގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާއަކީ ދިވެހި ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.

ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންވާނީ ރައްޔިތުން މާޔޫސްވިޔަ ނުދީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށާއި، ފުލުހުންގެ ކޮންމެ އޮފިސަރަކު ކުރައްވާ މަސައްކަތަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި ވަބާތަކުން ގައުމު ސަލާމަތް ކުރުމަށް ކުރާ މުހިންމު މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާނާ އެއްގޮތަށް ހިދުމަތްދިނުމަށް ފުލުހުންނަށް ވަސީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ އެ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންވާނީ ކުށެއް ކުރުމުގެ ކުރިން އެ ކުށްތަކުން މުޖުތަމައު ރައްކާތެރިކޮށް ދިވެހި ޒުވާނުންނަކީ ޒިންމާދާރު އަދި ކުށްތަކާ ދުރު ބަޔަކަށް ހެދުމަށް ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ފުލުހުންނާމެދު އުއްމީދުތަކެއްވާ ކަމަށާއި އެއިން އެއްވެސް ރައްޔިތަކު މާޔޫސް ނުކުރުމަށް ފުލުހުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.