ދައުރު ނޫހުގައި "ބުހުތާނު ދޮގެއް: އާމްދަނީގެ 40 ޕަސަންޓް މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރުގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަބަރުގައިވާ ވާހަކަތަކަކީ އަދި ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) އާމެދު ކޮށްފައިވާ ތުހުމަތުތަކަކީ "ރޯބުހުތާނު ދޮގެއް" ކަމަށެވެ.
އެ ހަބަރުގައި ތުހުމަތުކޮށްފައިވަނީ، ރިސޯޓްތަކުގެ އާމްދަނީގެ 40 ޕަސަންޓް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރީ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކޮށްފައިކަމަށް ސްޕޯކްސްޕާސަން ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށާއި، އަދި ސަރުކާރުގެ އެ ނިންމުމަކީ ސިނާއަތަށް ލިބުނު ސަޕްރައިޒެއްގެ ގޮތުގައެވެ.
ރައީސް އޮފީހުން ބުނީ ބޭރު ފައިސާއާބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަސްދީގުކުރެއްވުމާއެކު، ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 ޕަސަންޓް މާރުކުރަންޖެހޭނެ ކަމަށެވެ. އަދި މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ކެޓެގަރީ ބީ ގެ އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 ޕަސަންޓް މާރުކުރަންވާނެކަމަށް ވަނީ ކަނޑައަޅާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނަށް ގެނައި އެ ބަދަލާއި ޖުމުލަގޮތެއްގައި މާލިއްޔަތާ ގުޅޭ އެ އިސްލާހުތަކާ މެދު އެއް ފަހަރަށްވުރެ ގިނަ ފަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު މަޝްވަރާކޮށްފައިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މަޓީގެ އެކި ވެރިންނާ ވަކިވަކިންވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެގޮތުން ބޭއްވުނު އެންމެ ފަހު ބައްދަލުވުމަކީ ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، މަޓީއަށް ދައުވަތުދެވިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ އިސްވެރިން މަޓީގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ބައްދަލުވުމެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޓީގެ ފަރާތުން ހަ ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު، އޭގެ ތެރޭގައި އެ ޖަމިއްޔާގެ ވައިސް ޗެއާމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނިވަޑައިގަންނަވައެވެ.
"އަދި 24 އޮގަސްޓް 2026 ގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެފައިވާކަން ހާމަވެއެވެ" ރައީސް އޮފީހުން ބުންޏެވެ.
"ވީމާ، މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށް އެ ވިދާޅުވާ ވިދާޅުވުމަކީ ދޮގެކެވެ. މަޓީއަށް އެކަން ކުއްލި ހައިރާން ކަމަކަށްވީކަމަށް ބުނާ ބުނުމަކީވެސް ދޮގެކެވެ. ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ ބުހުތާނު ދޮގެއްކަމަށް ވިދާޅުވެފައިވާ ވާހަކައަކީ ރޯބުހުތާނު ދޮގެއް ކަމުގައި ދަންނަވަމެވެ." ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް