އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، 30އ ބަންދުން ދޫކޮށްލައިފިއެވެ.

މައިމޫން ހައްޔަރުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ އިތުރުން، މަގު ބަންދުކުރުމަށް ޖަހާފައި ހުރި ބެރިކޭޑްތައް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަން މައްސަލައިގައި ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މައުމޫން ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން އަމުރުކުރީ ފަސް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 5:30 ހާއިރު މައިމޫން ވަނީ ބަންދުން ދޫކޮށްލައިފައެވެ. އޭނާ ބަންދުގައި ބެހެއްޓީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައެވެ. އަދި ބަންދުން ދޫކޮށްލާފައިވަނީ ވެސް ވިލިމާލެ އިންނެވެ.

މިދިޔަ މަހުގެ 31 ގައި އެމްޑީޕީން ބޭއްވި އެ އެއްވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވިއެވެ.