ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމިގެންދިޔައީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ދަށުވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން، އެ ވާހަކަތަކަށް ރައީސް ޔާމީން ރައްދުދެއްވައިފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔައީ އަމިއްލަފުޅު ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ކަމަށެވެ. އަދި ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ވާހަކަތަކެއް ވެސް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދުދެއްވަމުން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ، މި ސަރުކާރުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރައްޔިތުންގެ އަބްދުއްރަހީމްގެ އަނބިކަނބަލުންނަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނެއް ހަމަޖައްސައިދީފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ އަބްދުއްރަހީމްގެ އަނބިކަނބަލުންނަށް އެ ލޯނު ހަމަޖައްސައިދީފައިވަނީ ކޮންމެވެސް މަޝްރޫއުތަކެއް ހިންގުމަށް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު އެންމެ ފުރަތަމަ ލޯނު ނެގި މީހުންގެ ތެރޭގައި އަބްދުއްރަހީމްގެ އަނބިކަނބަލުން ހިމެނޭ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އަނބިކަނބަލުންނަށް ނުވަތަ އާއިލާގެ އެއްވެސް މީހަކަށް ލޯނެއް ފަދަ އެއްޗެއް ހަމަޖައްސައިދީފައި ނުވާނެ ކަމަށް ވިދާޅުވެ، ހަގީގަތުގައި އަނބިދަށުވެފައި ހުރީ ކާކުތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.

އަނބިކަނބަލުންނާ އޮންނަ ގާތް ގުޅުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ އާއިލާގެ ފެށުން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެހެން މީހުންނާ ސުވާލުކުރުމުގެ ކުރިން އަމިއްލަ މީހާގެ ކަންކަން ހުރި ގޮތް ބަލައިލުން ރަނގަޅުވާނެ ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ "އަސްލު ކޮންމެ މީހަކުވެސް އެމީހެއް އަމިއްލައަށް ފުރަތަމަ އޭނަގެ ހަން ކަހާލާފައި އަޑީގައި ހުރީ ކޯއްޗެއްތޯ ބަލައިލިއްޔާ ރަނގަޅުވާނެ އެހެން މީހުންނާ ސުވާލުކުރުމުގެ ކުރިން" ކަމަށެވެ.

ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު ނާޖާއިޒް ފައިދާއެއް ނެންގެވީ އަބްދުއްރަހީމް ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ. އަދި ވެރިކަމަށް ވަޑައިގެންފި ނަމަ، އެއީ ނުބުލައި ދޫކޮށްލައްވާނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އިންޒާރު ވެސް ދެއްވިއެވެ.

މި ޖަލްސާގައި ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހަކީ "ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ހިކި ބޮނބިގަނޑެއް ފަދައިން އޮޔާއި ވަޔާއެކު ދާ މީހެއް" ކަމަށް ސިފަކުރެއްވިއެވެ. ޕީޕީއެމްގައި ހުރުމަށްފަހު ޖުމްހޫރީ ޕާޓީއަށް ގޮސް، އަދި މިހާރު ޕީއެންސީގައި ހުންނެވި ފަލާހަކީ ރައްޔިތުންގެ އިތުބާރު އޮތް ބޭފުޅެއް ނޫން ކަމަށާއި، އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ އަތުގައި ފައިސާ ހުރުމުން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރި މަޖިލީހުގެ 12 މެންބަރުންނަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ މީހުންނަކީ އެއްވެސް އިރެއްގައި އެމަނިކުފާނާ ގާތް ބައެއް ނޫން ކަމަށެވެ. އެ މެންބަރުންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮތް ބައެއް ކަމަށާއި، އެމަނިކުފާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.