ގައްޒާއިން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް އިސްރާއީލުގެ މިނިސްޓަރުން ދާދިފަހުން ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ގަދަކަމުން ނެރެލުމަށް ރާވައި، އެކަމަށް މަގުފަހިކުރާނެ ނިޒާމުތަކެއް ގާއިމުކުރުމަށް އިސްރާއީލުގެ މިނިސްޓަރުން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން، މެދުއިރުމަތީގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ނުރައްކާވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެއްވެސް ބަހަނާއެއް ދައްކައިގެން، ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ އެތެރެއަށް ނުވަތަ އެ ބިންތަކުން ބޭރަށް ވިޔަސް، ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބަދަލުކުރުމަށް ކުރާ ކޮންމެ މަސައްކަތަކާ ރާއްޖެއިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުން ބުނި ގޮތުގައި ގައްޒާއަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ ވަކިނުކުރެވޭނެ މުހިންމު ބައެކެވެ. އަދި އަމިއްލަ ބިމުގައި ދެމިތިބުމާއި، އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ، ނިގުޅައިނުގަނެވޭނެ ހައްގެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ފަރާތްތައް ޖަވާބުދާރީކުރުވުމުގެ އިތުރުން، ފަލަސްތީނު މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ފާހަގަކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.