މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުވައްޒަފުންނަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް އެ އޮތޯރިޓީން ގަވާއިދެއް އެކުލަވާލައިފިއެވެ.
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރީ-އެމްޕްލޯއިމަންޓް ގަވާއިދު" ގެ ނަމުގައި އެކުލަވާލި މި ގަވާއިދުގެ މަގުސަދެއްގެ ގޮތުގައި ވަނީ، ޕެންޝަން ހައްގުވާ އުމުރުން ފެށިގެން އުމުރުން 75 އަހަރު ފުރުމާ ހަމައަށް އެ އޮތޯރިޓީގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓްގެ ފުރުސަތު ހޯދައިދިނުމާއި، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެނީ އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. އަދި ރީ-އެމްޕްލޯއިމަންޓްގެ ފުރުސަތު ލިބޭނެ ފަރާތްތައް ވެސް ގަވާއިދުގައި ވަނީ ހިމަނައިފައެވެ. އެއީ؛
- އެމްއެމްއޭގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން ރީ-އެމްޕްލޯއިމަންޓް އުމުރުގައި އޮތޯރިޓީގެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް.
- ގާނޫނަށް އަމަލުކުރަން ފެށި ތާރީހުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަސް ހަމަވުމުގެ ކުރިއަށް ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން އޮތޯރިޓީގައި ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ފަރާތްތައް.
ގަވާއިދުގައި ބުނެފައިވަނީ، މި ގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދި ހުށަހެޅި ތާރީހުން ފެށިގެން، ވަޒީފާއަށް އެދުނު ފަރާތުގެ އުމުރުން 75 އަހަރު ހަމަވުމާ ދެމެދު މަދުވެގެން 13 މަސްދުވަސް އޮތް ފަރާތްތަކަށް ކަމަށެވެ.
އެމްއެމްއޭގެ ދާއިމީ ވަޒީފާއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާގައި ދެމިހުންނަން އެދޭނަމަ، އުމުރުން 65 އަހަރު ފުރުމުގެ ހަ މަސްދުވަހުގެ ކުރިން އެކަމަށް އެދި އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި އެ ހުށަހެޅުން ހުށަހަޅާތާ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެ ހުށަހެޅުމާ މެދު ގޮތެއް ނިންމައި އަންގަންޖެހެއެވެ.
ރީ-އެމްޕްލޯއިމަންޓްގެ ފުރުސަތު ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތް:
- ވަޒީފާއަށް އެދޭ ފަރާތަށް ހަމަޖައްސައިދެވޭނެ ފަދަ ވަޒީފާއެއް އެމްއެމްއޭގެ ވަޒީފާގެ އޮނިގަނޑުގައި އޮތުން.
- ވަޒީފާއަށް އެދޭ ފަރާތަކީ އިޖުތިމާއީގޮތުންނާއި ފަންނީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގާބިލު ފަރާތަކަށްވުން.
- ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.
- ވަޒީފާ އަދާކުރުމަށް އެދޭ ފަރާތުގެ ކުރީގެ ޕާފޯމަންސަށް ރިއާޔަތްކުރުން.
- އޮތޯރިޓީން އާންމުކޮށް ކުރާ އިއުލާނަކާ ގުޅިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދޭން އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި، އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، އޮތޯރިޓީގެ ވަޒީފާތަކަށް މީހުން ނެގުމުގައި ބަލާ އެންމެހާ ކަންކަމަށް ބެލޭނެ.
މި ގަވާއިދުގެ ދަށުން އެ މުވައްޒަފަކަށް ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުމަށް ނުވަތަ މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުމަށް މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނައުމާއެކު، މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލު ގެނެސްފައި ވަޒީފާއެއް ހަމަޖެއްސުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ.
އެ ފަރާތްތަކަށް މަސައްކަތްކުރުމުގައި ލުއިފަސޭހަ މިންގަނޑުތަކެއް ވެސް ކަނޑައެޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ލުއިފަސޭހަ މިންގަނޑުތަކެއް ހަމަޖެއްސުމުގައި، މަސައްކަތްކުރަންޖެހޭ ވަގުތުގެ މިންވަރާއި މަސައްކަތްކުރަން ޖެހޭ ތަނާއި މުވައްޒަފުގެ ސިއްހީ ހާލަތާއި މަސައްކަތުގެ ބާވަތް އަދި އެމްއެމްއޭ އިން ކަނޑައަޅާ އެހެން ކަންތައްތަކަށް ބަލަން ޖެހެއެވެ.
އެމްއެމްއޭ އިން މި ގަވާއިދު އެކުލަވާލާފައިވާ އިރު، އުމުރުން 75 އަހަރުވާންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު އޮންނަ ގޮތަށް ހުށަހެޅި "ރީ އެމްޕްލޯއިމަންޓްގެ ބިލު"، ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ޖެނުއަރީ 5 ގައި ވަނީ ފާސްކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖެނުއަރީ 8 ގައި މި ބިލު ތަސްދީގުކުރައްވައިފައެވެ.
މި ބިލުގެ މަގުސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލު ކުރެވޭނެ އުސޫލުތައް ބަޔާން ކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން ފަނޑިޔާރުން، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަގާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެއެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެއެވެ.
އުމުރުން 75 އަހަރު ފުރުމާ ހަމައަށް ވަޒީފާ އަދާކުރެވޭ ފުރުސަތު ލިބޭ ގާނޫނަށް މިއަހަރުގެ ފެބްރުއަރީ 8 އިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް