ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެއްކޮށްލަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތްކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އާރުޑީސީން ކުރަމުންދަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް ކަމަށާއި އެމްޓީސީސީއަކީ ވެސް މަގު ހަދައި، އަދި އެހެން އުމްރާނީ މަސައްކަތްތައްވެސް ކުރާ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ، އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި، މި ބަދަލު މި ގެންނަނީ. އެހެންވީމަ އާރްޑީސީ އުވާލެވި، އެމްޓީސީސީއާ އެއްކޮށްލެވި، އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެންދާނެ. އެހެންވީމަ، މި ދެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޑަބްލިޔުއެސްސީގެ 100 ޕަސަންޓު ހިއްސާ އާއި ދިރާގުގެ 51 ޕަސަންޓުގެ ހިއްސާ ސަރުކާރަށް ގަނެ، ބައެއް އެހެން ކުންފުނިތައް ވެސް އެއްކޮށްލަން ނިންމަވާފައިވާކަން ވެސް ރައީސް އިއުލާންކުރެއްވިއެވެ.