މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގައި ސަރުކާރުގެ ހިއްސާ އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އާރުޑީސީން ކުރަމުންދަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް ކަމަށާއި އެމްޓީސީސީއަކީ ވެސް މަގު ހެދުން އަދި އެހެން އުމްރާނީ މަސައްކަތްތައްވެސް ކުރާ ކުންފުންޏެއް ކަމަށެވެ. ދެ ކުންފުނީގައި ޑުޕްލިކޭޝަން މަސައްކަތް ގިނަވުމުން ކުރަންޖެހޭ ހަރަދުތައް ވެސް ވަރަށް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ، އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވަރ ކުރުމަށްޓަކައި، މި ބަދަލު މި ގެންނަނީ. އެހެންވީމާ އާރުޑީސީ އުވާލެވި، އެމްޓީސީސީއާ އެއްކޮށްލެވި، އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެންދާނެ. އެހެންވީމަ، މި ދެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ތެރެއިން މި އެފިޝަންސީ ހާސިލުކުރުމުގެ ތެރެއިން ހާސިލުކުރެވިގެންދާނެ އަނެއް ކަމަކީ، މިހާރުވެސް މި ކުރިއަށްދާ ގޮތަށް ރައިޓް ސައިޒް ކުރުމުގެ ތެރެއިން ކުންފުންޏަށް ބޭނުންވާ ވަރަށް މުވައްޒަފުން ހަމަޖެއްސުން ކަމަށެވެ. މި ޕްރޮސެސްގެ ތެރެއިން ނިމިގެންދާއިރުގައި އިތުރު މުވައްޒަފުން މަދުވެސް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި އިތުރަށް މަދުވާނެ، މަދުކުރެވޭ ކުންފުނިތައް. ސްޓެލްކޯވެސް، އެމްޑަބްލިޔުއެސްސީވެސް. މި ޕްރޮސެސްގެ ތެރެއިން ފެނަކަ ސްޓެލްކޯއާ އެއްވެގެން ގޮސް ނިމިގެންދާއިރުގައި، އަދި އާރްޑީސީ އެމްޓީސީސީއާ އެއްވެގެން، މާޖްވެގެންދާއިރުގައި ޕްރޮސެސްގެ ތެރެއިން ކުންފުނީގެ އެފިޝަންސީ އެޗީވް ކުރުމުގެ މަސައްކަތުގެ ތެރެއިން މުވައްޒަފުންގެ އަދަދު މަދުވާނެ. އެހެންވީމަ އެފިޝަންޓް، މުވައްޒަފުން މަދު ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް ހިނގަމުންދާނެ ގޮތަށް ބަދަލުތައް މި ގެނެވެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.