ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގުގައި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގެ ފަހަތުގައި ހުރީ ކާކުކަން ރައީސް ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ވަން" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށާއި އެފަދަ އިލްޒާމެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި ނޭޅުއްވޭނެ ކަމަށެވެ.

"އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަޅުގަނޑަށް އަމާޒުކޮށްގެން އެއްވެސް އެއްޗެއް ނުދެންނެވޭނެ އެކަމުގައެއް އިނގޭތޯ. ހަމަ ކަނޑައެޅިގެން އިތުރުފުޅެއް އެ ހެއްދެވީ. ދެން ޕޮލިހުން މައްސަލަ ބަލާފައި ނިންމާފައި އޮތް ކަމެއް. އަޅުގަނޑާ އެއްވެސް ވަރަކަށް ގުޅުވޭނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ އިމާރާތަކީ އެ މަނިކުފާނުވެސް އެތައް އަހަރެއްވަންދެން މަސައްކަތް ކުރި އިމާރާތެއް ކަމަށާއި އެތަން ރޯވަމުންދިޔަ ވަގުތު އެތަނުގައި ހުންނެވިއިރު އެއީ ހިތްދަތި މަންޒަރެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ވަރަށް ހައިރާންވޭ، ކުރީގައި ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު އަދި އަމުދުން އެއްވެސް މީހަކު ދޮގު ހަދާކަށް ނުވާނެ. އެވަރުގެ ޒިންމާދާރު މަގާމެއް އަދާކުރެއްވި ބޭފުޅަކު އެއްވެސް ކަހަލަގެ ޖެހިލުމެއް ނެތި ކަނޑައެޅިގެން އިތުރުފުޅު ހެއްދެވީމަ ވަރަށް ހިތާމަކުރަން،" ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ރޭ ރައީސް ޔާމީން ވިދާޅުވީ، ގްރީންބިލްޑިންގައި ރޯކޮށްލީ ކަމަށާއި އެކަން ކުރި ފަރާތް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ތެރެއިން ފޮރުވަން އުޅޭ ކަމަށެވެ.

ރައީސް ޔާމީންގެ ތުހުމަތުތައް ތަހުގީގުކޮށްދޭން ފުލުހުގައި ހޯމް މިނިސްޓަރު އަލީ އިހްސާންވެސް ވަނީ އެދިވަޑައިގެންފައެވެ.

ތިން މިނިސްޓްރީގައި ރޯވި މައްސަލަ ތަހުގީގުކޮށް ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެތަނުގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށާއި އެތަން ރޯކޮށްލީ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.