އައްޑޫ ސިޓީގެ ލިންކް ރޯޑުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ލިންކް ރޯޑު ތަރައްގީކުރުމުގެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ.

"ހަގީގަތުގައިވެސް ވަރަށް ލަސްވެއްޖެ. އަޅުގަނޑުމެން މަސައްކަތްކުރަމުން މިއައީ އާރްޑީސީ މެދުވެރިކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ވޭތޯ. އާރްޑީސީގެ ހާލަތު ވަރަށް ދަށްކޮށް ފެށުނީއްސުރެ މިއޮތީ. މިހާރު އިކުއިޕްމެންޓްސް ގަނެވިއްޖެ. ގެންދަންވެސް ގެންދެވިއްޖެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު މަސައްކަތްކުރަމުން އަންނަނީ ބޭރުގެ ފަރާތަކާއެކު އެ މަޝްރޫއު ކުރިއަށްގެންދަން ކަމަށެވެ.

"ދެން މިހާރު މަސައްކަތް މިކުރަނީ އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް މިހާރު ހަމަ ބޭރު ފަރާތްތަކުންވެސް މިކަމުގައި ވަރަށް ބޮޑަށް ސަރުކާރަށް ލުއިވާނެ ފަދަ ޕްރޮޕޯސަލެއް އެބައޮތް ފޮނުވާފައި އެ ޕްރޮސެސްވެސް އެބަ ހިނގާ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އައްޑޫ ލިންކު ރޯޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭ ހިސާބަށް ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ދެތިން ހަފްތާ ނުވަތަ މަހެއްގެ ތެރޭގައި އެ މަސައްކަރް ފަށައި މެދުކެނޑުމެއް ނެތި ގޮސް އެއްކޮށް ނިންމާލަދޭނެ ކަމަށެވެ.