ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ރައްޔިތުން ނޫނެކޭ ބުނުމުން އެކަން އެފަރާތްތަކުން ހުއްޓާލަފާނެކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފިއެވެ.
ތިން މިނިސްޓްރީގައި ރޯކޮށްލީ ކާކުކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަަމަށާއި ކުރީގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު އެކަހަލަ ހަގީގަތެއް ނެތް ވާހަކައެއް ދެއްކުމުން ހިތާމަކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެއްވެސް ޒިންމާދާރުކަމެއް ނެތި ވާހަކަ ފެތުރުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވި އިހުތިރާމުކުރުމުގެ މަޝްރޫއު ހަގީގަތަކަށް ނުހެދޭނެ އެއްވެސް ކަހަލަގެ ޒިންމާދާރުކަމެއް ނެތި ގައުމުގައި މިގޮތަށް ވާހަކަ ފެތުރުން، އެއީ ނޫނެކޭ ބުނާ ކަމަށް ނުވަންޏާ. އެހެންވީމާ އަޅުގަނޑު އެދެނީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ހަގީގަތެއް ބެލުމެއް ނެތި، އެއްވެސް ޒިންމާދާރުކަމެއް ނެތި އެކަހަލަ ވާހަކަތައް ދައްކާ ދެއްކުމަށް ނޫނެކޭ ބުނަން. އޭރުން ސިޔާސީ ފަރާތްތަކަށްވެސް އަދި އެހެން ފަރާތްތަކަށްވެސް އެކަން ހުއްޓާލަފާނެހެން ހީވަނީ" ރައީސް ވިދާޅުވިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ރޭ ރައީސް ޔާމީން ވިދާޅުވީ، ގްރީންބިލްޑިންގައި ރޯކޮށްލީ ކަމަށާއި އެކަން ކުރި ފަރާތް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެ މައްސަލަ ޕޮލިހުގެ ތެރެއިން ފޮރުވަން އުޅޭ ކަމަށެވެ.
ރައީސް ޔާމީންގެ ތުހުމަތުތައް ތަހުގީގުކޮށްދޭން ފުލުހުގައި ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ އެދިވަޑައިގެންފައެވެ.
ތިން މިނިސްޓްރީގައި ރޯވި މައްސަލަ ތަހުގީގުކޮށް ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެތަނުގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށާއި އެތަން ރޯކޮށްލީ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް