ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ކުރުމުގެ ދުނިޔޭ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ރެކޯޑު ހެދުމުގެ ހަރަކާތުގައި 314 މީހުން ބައިވެރިވިއެވެ. އެ ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ބައިވެރިވިއެވެ.

ބީއެމްއެލްއިން ބުނީ ރެކޯޑު ހެދުމުގެ ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމަށް އިތުރަށް ހޭލުންތެރިކުރުމަށާއި، ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމުކަން އިތުރަށް އިޝްތިހާރުކުރުމަށް އެންމެން ގުޅިގެން ހިންގުނު މުހިންމު ހަރަކާތެއް ކަމަށެވެ.

ބީއެމްއެލްގެ ރެކޯޑާއެކު، ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށްފަހު، ގިނިސް ވޯލްޑް ރެކޯޑްސްއިން އެ ކުންފުންޏާ ރަސްމީކޮށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. ސެޓްފިކެޓާ ހަވާލުވެދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާ އާއެވެ.

ދުނިޔޭގެ ރެކޯޑު ހެދުމަށް ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން އިތުރަށް ބުނެފައި ވަނީ ރެކޯޑު ހެދުމުގެ ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. އެ ޕްރޮގްރާމަކީ އެ ކުންފުނީގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ނިޒާމެކެވެ. އެ ނިޒާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

7 ސެޕްޓެމްބަރު 2026: ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލައަށް --- ފޮޓޯ/ ބީއެމްއެެލް

ބީއެމްއެލްއިން ބުނެފައި ވަނީ ޝަރަފުވެރި ކާމިޔާބީން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް އެ ކުންފުނިން ދޭ އަހުމިއްޔަތުކަމުގެ އިތުރުން ރެކޯޑަކީ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.