އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް ކުރީގެ ރައީސް، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީން މިރޭ ގެނެސްދިން "ބާރުހަތަރެއް" ޕްރޮގުރާމުގައި ސޯލިހު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ހާލަތެއްގައި ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ސޯލިހު އެ މަގާމަށް ވާދަކުރައްވަންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"ދެން ރައީސް ސޯލިހުވެސް ކުރިމަތިލައްވަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑަކަށެއް ކުރިމަތިލައްވާންވީ ކޮންމެހެން ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް އެދޭ ގިނަ ބަޔަކު ތިބި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނަވާނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެރިކަމަށް ގެންނެވުމަށް ތާއީދުކުރައްވައިގެން ކަމަށެވެ.
"ކޮންމެ ބޭފުޅަކު ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއިދުކޮށްގެން" ނަޝީދު ވިދާޅުވިއެވެ.
ފައްޔާޒަށް ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެ ނަމަ، ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓެއްގެ ފަަހަތަށް އަރައިވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އެ ކެންޑިޑޭޓަކާ އެކީ ގޮސް، އެމްޑީޕީއަށް ސަރުކާރު ހޯދައި ދެވެންދެން އަޅުގަނޑު މި މަސައްކަތް ކުރާނަން" ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް