ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެންމެ ގިނަ އެވޯޑު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް ލިބިއްޖެއެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީން ވަނީ ކޯޕަރޭޓް ލެވެލްގައި ދެ އެވޯޑެއް އަދި އިންޑިވިޖުއަލް ކެޓަގަރީން ދެ އެވޯޑު ހިމެނޭހެން ޖުމުލަ ހަތަރު އެވޯޑު ހާސިލުކޮށްފައެވެ.

ވަކިވަކި ފަރުދުންގެ ބައިން އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް ހާސިލުކުރެއްވީ އެ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖާ ޑރ. ފުރުގާން އިބްރާހީމެވެ. އޭނާއަށް ވަނީ މިއަހަރުގެ "އިންޖިނިއާ އޮފް ދަ އިޔާ" އެވޯޑުގެ އިތުރުން "އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑު" ވެސް ލިބިވަޑައިގެންފައެވެ.

ކުންފުނީގެ ފެންވަރުގައި އެމްޑަބްލިޔުއެސްސީއަށް ލިބުނު ދެ އެވޯޑަކީ:

  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް:

މި އެވޯޑު އެ ކުންފުންޏަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، ސައްތައިން ސައްތަ އިރުގެ އަލިން ހަކަތަ އުފައްދައިގެން ތިމާވެއްޓާ ރައްޓެހިކޮށް (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ.

  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް:

މި އެވޯޑު ލިބިފައިވަނީ ރ. ދުވާފަރުގައި އެ ކުންފުނިން ގާއިމުކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސާވިސް މޮޑެލްއަށެވެ. މިއީ ބޯފެނާއި، ނަރުދަމާއާއި، ކުނި މެނޭޖުކުރުމާއި، ކަރަންޓުގެ ހިދުމަތާއި، ވާރޭފެން ރައްކާކުރުމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ މޮޑެލެކެވެ.

އެމްޑަބްލިޔުއެސްސީން ރޭ ބުނީ އެ ކާމިޔާބީއަކީ ތިމާވެއްޓާ ރައްޓެހި، ޒަމާނީ އިންޖިނިއަރިން ހައްލުތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސޯދު އަދި އިޖުތިމާއީ ތަރައްގީއަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި އެއީ ކުންފުނީގެ މުވައްޒަފުންނާއި އިންޖިނިއަރުންގެ ފަންނީ ގާބިލުކަމާއި ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއްކަމަށް އެބްޑަބްލިޔުއެސްސީން ބުންޏެވެ.

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ އެވޯޑު ދިނުމަށް ރޭ ބޭއްވި ހަފުލާގައި އެމްޑަބްލިޔުްއެސްސީގެ އެމްޑީ ފަހުމީ، އަދި އެ ކުންފުނީގެ މުވައްޒަފުން އެވޯޑުތަކާ އެކު ---

ޑރ. ފުރުގާން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން އެމްޑަބްލިޔުއެސްސީން ބުނީ، ކުންފުނީގެ ކުރިއެރުމުގެ އަސްލަކީ މުވައްޒަފުންގެ ވަފާތެރިކަމާއި އެއްބާރުލުން ކަމަށެވެ.

އެ ކުންފުނީގެ އަމާޒަކީ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ދިރާސާތަކާއި އީޖާދުތަކަށް އިންވެސްޓްކޮށްގެން، މުޅި ރާއްޖެއަށް ފެނާއި ނަރުދަމާގެ އިތުބާރު ހުރި ހިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުންކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.