ރާއްޖޭގައި އަލަށް ތައާރަފުކުރި "އިންޖިނިއާސް އެވޯޑް" ގައި، އަހަރުގެ އެންމެ މޮޅު އިންޖިނިއަރުގެ ޝަރަފުވެރި އެވޯޑު ޑރ. ފުރުގާން އިބްރާހިމްއަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑުތައް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ގައުމީ ތަރައްގީގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، އެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ސަރުކާރުން ދޭން ފެށި އެވޯޑެކެވެ.

މި އެވޯޑު ހާސިލުކުރެއްވި ޑރ. ފުރުގާން އަކީ އިންޖިނިއަރިން، ހަކަތަ އަދި އިދާރީ ހިންގުމާއި ދިރާސާކުރުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރު އެމްޑަބްލިޔުއެސްސީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފުރުގާން ވަނީ އަހަރުގެ އެންމެ މޮޅު އިންޖިނިއަރުގެ އިތުރުން "އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑު" ވެސް ހާސިލުކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުން އިތުރު 8 އެވޯޑެއް ދީފައިވާއިރު، އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ޔަންގް އިންޖިނިއާ އެވޯޑު ހާސިލުކުރި މުހައްމަދު ޒިދާން ހަސަނާއި، ވިމެން އިން އިންޖިނިއަރިން އެވޯޑު ހާސިލުކުރި އަސްރާރު އަދި ސްޓޫޑަންޓް އިނޮވޭޓާ އެވޯޑު ކާމިޔާބުކުރި ހުސައިން ޖައުޝަން ހިމެނެއެވެ.

މީގެއިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ކޮންސަލްޓަންސީ ފާމްތަކުގެ އެވޯޑުވެސް އެ ރަސްމިއްޔާތުގައި ވަނީ ދީފައެވެ.

ކުންފުނިތަކުގެ ބައިން އެމްޑަބްލިޔުއެސްސީން ވަނީ ދެ އެވޯޑެއް ކާމިޔާބުކޮށްފައެވެ. އެއީ އިރުގެ ހަކަތައާއި އެންއޭއެސް (NAS) ބެޓަރި ބޭނުންކޮށްގެން ހިންގި "ޑީކާބަނައިޒްޑް ސީވޯޓާ ޑީސެލިނޭޝަން ސިސްޓަމް" މަޝްރޫއަށް ލިބުނު "ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު" އަދި ރ. ދުވާފަރުގައި ކުރިއަށްގެންދިޔަ "އިންޓަގްރޭޓަޑް ޔުޓިލިޓީ ސާވިސަސް" މަޝްރޫއަށް ލިބުނު "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު" އެވެ.