ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ފެންބޮޑުވެދާނެ ކަމުގެ އިންޒާރާއެކު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މިއަދު މެންދުރު ފަހު 1:00 އާ ހަމައަށް މި ދެ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި ރަށްރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.

އާންމުކޮށް ރާއްޖޭގައި ނުނެރޭ، މޫސުމީ ނުރައްކަލުގެ 3 ވަނަ ދަރަޖަ ކަމަށްވާ އޮރެންޖު އެލާޓް ނެރެފައިވާއިރު، ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ކަނޑުދަތުރުފަތުރަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް ހަފުތާއަކީ ސްކޫލުތަކުގެ މިޑް-ޓާމް ޗުއްޓީ ދުވަސްވަރު ކަމަށްވާއިރު، އެ ހަފުތާގެ ގިނަ ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމީ ރިކޯޑުތަކުން ދައްކައެވެ.

މާލެއަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ އާއި ބުދަ ދުވަހުއެވެ.