ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުންވެސް މޮޅުވެއްޖެއެވެ.

ބަޔާނުން ރޭ ބޯޑޯ/ގްލިމްޓާއެކު ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 5-0 އިން މޮޅުވި އިރު، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ސަބާހް އެފްކޭ ބަލިކުރީ 4-0 އިންނެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ބަޔާނުން ޕީއެސްޖީއާ ވާދަކޮށް ކަޓާފައިވާ އިރު، ރޭ ކުޅުނު މެޗުގައި އެޓީމާ ދެކޮޅަށް ނުކުތީ މިދިޔަ ސީޒަނުގެ ސަޕްރައިޒް ޓީމެކެވެ. ބޯޑޯއިން މިދިޔަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑާއި މެންޗެސްޓާ ސިޓީގެ އިތުރުން އިންޓަ މިލާންވެސް ވަނީ ބަލިކޮށްގެން އެޓީމު ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

ރޭ ކުޅުނު ފުރަތަމަ ހާފުގައި ބަޔާނަށް ގޯލެއް ޖެހޭ ގޮތް ނުވި ނަމަވެސް، އެޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޖަމާލް މުސިއާލާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނެވެ. އަދި ޖޯޝުއާ ކިމިކް ދުރުން ފޮނުވާލި ހަމަލާ ބޯޑޯގެ ކީޕަރު މަތަކުރިއެވެ.

ދެވަނަ ހާފު ފެށިގެން ދެމިނެޓުވެސް ނުވަނީސް މުސިއާލާގެ ގޯލުން ބަޔާން ގޯލް ހުޅުވާލިއެވެ. އޭގެފަހުން 61 މިނެޓުގައި މައިކަލް އޮލީސޭގެ ހިލޭ ޖެހުމުން ހެރީ ކޭން ދެވަނަ ގޯލް ޖެހި އިރު، ދެން ގޯލްތައް ޖެހީ އަލްފޮންސޯ ޑޭވީސްއާއި އޮލީސޭއެވެ. އޮލީސޭ ވަނީ ފަހުކޮޅުގައި ދެ ގޯލް ޖަހައިފައެވެ.

ބޯޑޯއިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އޮޑިން ލުރެއަސްއަށް ދެއްކި ރަތް ކާޑުންނެވެ.

ޔުނައިޓެޑުން ރޭގެ މެޗު ވަރުގަދަކޮށް ފެށިއިރު، ފުރަތަމަ ހާފުގައިވެސް އެޓީމުން ތިން ގޯލް ޖެހިއެވެ. މަތެއަސް ކޫންޏާއާއި ބްރޫނޯ ފެނާޑޭޒްގެ އިތުރުން ބެންޖަމިން ޝެސްކޯގެ ގޯލްތަކުން ޔުނައިޓެޑް ވަރުގަދަކޮށް ފަށައި ދެވަނަ ހާފަށް ނުކުތީ ފުރިހަމަ ކޮންޓްރޯލްގައެވެ.

ކޮންޓްރޯލްގައި ދެވަނަ ހާފުގައިވެސް ކުޅުނު ޔުނައިޓެޑުން ހަތަރު ވަނަ ގޯލް ޖެހީ 68 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ލިސާންޑްރޯ މާޓިނޭޒެވެ.

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ އިތުރު މެޗުތަކަށް ބަލާ އިރު، އަލަށް މުބާރާތުގައި ކުޅުނު ސެސް ފެބްރިގަސްގެ ކޯމޯއިން އާރްބީ ލެއިޕްޒިގް ބަލިކުރީ 4-1 ގެ ސްކޯއަކުންނެވެ. ލޯންސްއިން ވަނީ ސްލާވިއާ ޕްރާގު ކައިރިން 3-2 އިން މޮޅުވެފައެވެ.