ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގައްދޫ ފުޓުބޯޅަ ޓީމާއި ނިއު ރޭޑިއަންޓް ވާދަކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މިއަހަރުގެ ޕްރިމިއާ ލީގުގައިވެސް 10 ޓީމަކުން ވާދަކުރާ އިރު، އޭގެ ތެރެއިން ދެ ޓީމަކީ އަތޮޅު ތެރޭގެ ދެޓީމެވެ. އެއީ މިދިޔަ ސީޒަނުގެ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދުއެވެ. އެ ދެ ރަށުގެ ހޯމް މެޗުތައް އެ ރަށުގައި ކުޅެން އެފްއޭއެމްއިން ނިންމާފައިވާ އިރު، މިއަދު ގައްދޫން އެރަށުގައި ކުޅެން އޮތީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.

ގައްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 16:00 ގައި ފަށަން ތާވަލުކޮށްފައި އޮތް މެޗަކީ، ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އަތޮޅު ތެރޭގެ ދަނޑެއްގައި ކުޅެން އޮތް ފުރަތަމަ މެޗެވެ. އެފްއޭއެމްއިން ބުނެފައި ވަނީ ވިއްސާރަވުމުގެ ސަބަބުން އެމެޗު ފަސްކޮށްފައިވާ ކަމަށެވެ. އަދި ތާވަލަށް އަންނަ ބަދަލު ފަހުން އަންގާނެ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

ނިއު ރޭޑިއަންޓުން މިހާރު ގައްދޫގައި ތިބުމާއެކު މެޗު މާދަމާ ކުޅެވޭތޯ މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭ މާލޭގައި ކުޅެވޭނެއެވެ. އެއީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ވާދަކުރާ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.