މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހެޅި ޝަކުވާތަކުގެ 51 ޕަސެންޓު މައްސަލަ ތަހުގީގު ނުކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
އެޗްއާރުސީއެމުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ޖުމުލަ 589 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، މީގެ ތެރެއިން އިބްތިދާއީ މަރުހަލާގައި ތަހުގީގު ނުކުރަން ނިންމި މައްސަލަތަކުގެ އަދަދު 305 އަށް އަރައެވެ. ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ބަލައިގަނެފައި ވަނީ 284 ޝަކުވާއެކެވެ.
އެ މައްސަލަތައް ނުބަލަން ނިންމި މައިގަނޑު ސަބަބެއް ކަމަށް އެޗްއާރުސީއެމުން ފާހަގަކުރީ، ހުށަހެޅި ގިނަ މައްސަލަތަކަކީ އެ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭ އަދި ފުރަތަމަ މަރުހަލާގައި އެހެނިހެން ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަންޖެހޭ ޝަކުވާތަކަކަށް ވާތީއެވެ.
އެފަދަ ފަރާތްތަކަށް ކޮމިޝަނުން ލަފާދީފައި ވަނީ ކަމާގުޅޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށާއި، އެ އިދާރާތަކުން މައްސަލަ ބެލުން ލަސްވާ ނަމަ، ނުވަތަ ނިންމި ގޮތާމެދު ހިތްހަމަނުޖެހޭ ނަމަ، އަލުން އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅުމަށެވެ.
މީގެއިތުރުން، އެހެން އިދާރާތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލަތައް ކޮމިޝަނުގެ ފަރާތުން ވަނީ އެ ފަރާތްތަކާ ހިއްސާކޮށްފައެވެ.
މި އަހަރު ބަލައިގަތް މައްސަލަތަކާއި ކުރީ އަހަރުތަކުގެ މައްސަލަތައް ހިމެނޭހެން ޖުމުލަ 297 މައްސަލައެއް ބަލައި ނިންމާފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖުލައި މަހުގައެވެ. އެއީ 61 މައްސަލައެވެ. އަދި މި އަހަރު ބަލަން ނިންމި މައްސަލަތަކުގެ 72 ޕަސެންޓު މަސައްކަތް 90 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމާފައިވާ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް