މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖުގައި ޖެހުނު ތެޔޮ އުފުލާ ބޭރުގެ ދެ ބޯޓު އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ހާދިސާ ހިނގި ވަގުތު ބޯޓުތަކުގައި ތިބި ނުވަ ފަޅުވެރިން ވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ ދެ ބޯޓަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ދެ އުޅަނދު ކަމަށެވެ.
ބޯޓުތައް އަޑިއަށް ގޮސްފައިވަނީ ދިޔަވުމުގެ ސަބަބުން، މާލެ އަތޮޅުގެ އިރުމަތީ ފަރާތުން ރާއްޖޭގެ ސަރަހައްދީ އިމުން ބޭރަށް، ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އަޑިއަށް ދިޔައީ ރަސްމީ އައިއެމްއޯ ނަންބަރެއް ނެތް "އޭއެލް 1" އަދި ޓޯގޯގެ ރަޖިސްޓްރީއެއް އޮތް "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ދެ ބޯޓެވެ. ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު އޮތް އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
ދޫނިދުއާއި މާލެއާ ދެމެދު ބަނދަރުކޮށްފައި އޮއްވާ އެ ދެ އުޅަނދު އޮޔާދާން މެދުވެރިވީ ރޭ 10:00 ހާއިރު މާލެ ސަރަހައްދަށް އައި ގަދަ ކޮޅިގަނޑެއްގައެވެ. އޮޔާދިޔަ މަގުމަތީގައި ބޯޓުތައް ފުރަތަމަ ކާނިވާ ސަރަހައްދުގެ ފަރުމައްޗަށް އުރުނު ނަމަވެސް، ފަހުން އޮޔާއެކު ގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ވަނީ ޖެހިފައެވެ.
އެ ހާދިސާގައި ބްރިޖުގެ ތަނބުގައި ޖެހިފައިވަނީ ބޯޓުގައި ހުރި ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ބޯޓުތައް މާލޭގެ ދެކުނު ފަރާތަށް އޮޔާ ދިޔައިރު، ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ބްރިޖުގައި ކޫރުންތަކެއް ވަނީ އެޅިފައެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް