ހުޅުމާލޭ ރެހެންދި ސްކޫލު ހިމެނޭ ސަރަހައްދުގައި، ހުޅުމާލެ ޓްރެފިކް ފުލުހުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި، ސްކޫލު ކޮމިއުނިޓީއަށް އަމާޒުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ އަމާންކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސްކޫލުގެ ދެ ސެޝަންގެ ކިޔެވުން ފެށުނު ވަގުތާއި، ކިޔެވުން ނިމުނު ވަގުތާ ދިމާކޮށެވެ. އެއީ ސްކޫލު ސަރަހައްދުގެ ޓްރެފިކް އެންމެ ބާރުބޮޑުވާ ގަޑިތަކެވެ. މި ވަގުތުތަކުގައި ފުލުހުން ވަނީ ސްޕީކަރުތަކާއި މައިކު ބޭނުންކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މެސެޖުތައް އާންމުންނަށް އިއްވައިފައެވެ. މީގެ އިތުރުން، އުޅަނދުތައް ދުއްވާ މީހުންނާއި ހިނގާބިގާވެ އުޅޭ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދުތައް ހިމެނޭ އަމާންކަމުގެ މެސެޖުބޯޑުތައް ހިފައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.
މަގުމަތީގެ އަމަލީ މަސައްކަތުގައި ފުލުހުންނާއެކު ރެހެންދި ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން، އެ ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުވެފައިވާ ދަރިވަރުން ވެސް ބައިވެރިވިއެވެ. ފުލުހުން ބުނި ގޮތުގައި، މިފަދަ ބޭނުންތެރި ހަރަކާތްތަކުގެ ސަބަބުން ސްކޫލު ގަޑިތަކުގައި މަގުމަތީގައި އުފެދޭ ތޮއްޖެހުން ކުޑަވެގެންދާނެއެވެ. އަދި މުޅި ސްކޫލު މާހައުލަށާއި ބެލެނިވެރިންނަށް އަމާން އަދި ރައްކާތެރި ވެއްޓެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި ވަނީ އެކްސިޑެންޓުތައް ގިނަވެފައެވެ. އެގޮތުން ވިނަރެސް ޓަވަރު 7 ކައިރިން މިދިޔަ މަހުގެ 29 ގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި ވަނީ ނިޔާވެފައެވެ. އަދި ހިޔާ ޓަވަރު 9 ކައިރިން މިދިޔަ މަހުގެ 31 ގައި ހިނގި އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ، އޭގެ ތެރެއިން ބައްޕަގެ ހާލު ސީރިއަސްވެ ވަނީ އުންމީދު ކަނޑާލައިފައެވެ.
ހުޅުމާލޭގައި އެކްސިޑެންޓުތައް ގިނަވަމުންދާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ
ކޮމެންޓް