ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުން މުއާމަލާތް ކުރެވޭނެ ލިމިޓުތަކެއް އެ ބޭންކުން ކަނޑައަޅައިފިއެވެ.
މި ލިމިޓްތަކަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. ބޭންކުން ކަނޑައަޅާފައިވާ ގޮތުގައި، ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި ކޮންމެ މަހަކު ދޫކުރާނީ ޖުމްލަ 16 މިލިއަން ޑޮލަރެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ފިޔަވަޅު އެޅީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން ހޯދާ ހިދުމަތްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން، އެވްރެޖްކޮށް ދުވާލަކު 20،000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރާއިރު، އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަނީ ބޭންކަށް ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފައެވެ.
ބޭންކުން ފާހަގަކުރި ގޮތުގައި، ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށާއި އެހެނިހެން ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ހިދުމަތްތަކުގެ މުހިންމުކަމަށް ބަލައި ވަކިވަކި ދާއިރާތަކަށް ދުވާލަކު ބޭނުންކުރެވޭނެ ލިމިޓުތަކެއް ވަނީ ކަނޑައަޅައިފައެވެ.
ކަނޑައަޅާފައިވާ ލިމިޓުތައް
- އެންމެ ގިނައިން ވިޔަފާރިކުރާ 150 ޕްލެޓްފޯމް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ): މަހަކަށް ތިން މިލިއަން ޑޮލަރު، ދުވާލަކަށް އެއް ލައްކަ ޑޮލަރު
- ސޯޝަލް މީޑިއާ (މެޓަ، ޓިކްޓޮކް): މަހަކަށް 1.5 މިލިއަން ޑޮލަރު، ދުވާލަކަށް 50،000 ޑޮލަރު
- ދަތުރުފަތުރާއި ހޮޓެލް ބުކިން: މަހަކަށް ހަ މިލިއަން ޑޮލަރު، ދުވާލަކަށް ދެ ލައްކަ ޑޮލަރު
- ޒަރޫރީ ސަބްސްކްރިޕްޝަންތައް: މަހަކަށް ތިން މިލިއަން ޑޮލަރު، ދުވާލަކަށް އެއް ލައްކަ ޑޮލަރު
- އެހެނިހެން ވިޔަފާރިތައް: މަހަކަށް 1.8 މިލިއަން ޑޮލަރު، ދުވާލަކަށް 60،000 ޑޮލަރު
ދަތުރުފަތުރާއި ހޮޓެލް ބުކިންގެ ކެޓެގަރީއަށް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ އިރު، އެހެން މީހުންނަށް ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ބޭރު ފައިސާ ބޭރަށްދާ މިންވަރު ބޮޑުވެފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެންކަމުން، ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، މި ކެޓެގަރީން ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ.
މީގެ އިތުރުން، ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެ ކަމަށާއި، ވަކި ދާއިރާއެއްގެ ލިމިޓް ހަމަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ. އަދި ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެއެވެ.
ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ވަކި ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. ބީއެމްއެލުން ބުނި ގޮތުގައި، މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމުލަ އަދަދުގެ ތެރެއިންނެވެ. އަދި މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، އެހެން ކެޓެގަރީތަކާ ވަކިން ހާއްސަ ބަފާއެއް ނުވަތަ އިތުރު މިންވަރެއް ބޭންކުން ދަމަހައްޓާނެއެވެ.
މިގޮތަށް ލިމިޓް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަން ދިނުން ކަމަށް ބޭންކުން ފާހަގަކުރެއެވެ. ކުރިއަށް އޮތް ތަނުގައި މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކުގެ އިތުރުން ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް ބަދަލުތައް ގެންނަމުންދާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް