ކޮންޓްރެކްޓް އެދުނު ގޮތަށް، އެމްޕީއެލްގެ ދެ ފްލެޓް އިމާރާތް ހުސްކޮށް ހަވާލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި އެ ތަންތަނާ ގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައްޗަށް 14 ނޮވެމްބަރު 2024 ގައި ސިވިލް ކޯޓުން ކުރި އަމުރުގެ މައްސަލަ ދެމިއޮތް ކަމަށް އެ ކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.

މި ވަގުތީ އަމުރަކީ، ރާއްޖޭގައި ރީ ރަޖިސްޓްރީކޮށްފައިވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްގެ ފަރާތުން، ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރި އެމްޕީއެލްގެ ދެ ފްލެޓް އިމާރާތެއްގެ މައްސަލައިގައި އެމްޕީއެލްއާ ދެކޮޅަށް ސިވިލް ކޯޓަށް ދައުވާ ހުށަހެޅުމުގެ ކުރިން އެ ފަރާތުން އެދިގެން ސިވިލް ކޯޓުން ނެރެދިން ވަގުތީ އަމުރެކެވެ.

މި މައްސަލައިގައި ޑަބްލިއު އެންޑް އޭ އޯވަސީސް އިން ބުނެފައިވަނީ މި ވަގުތީ އަމުރަށް އެ ފަރާތުން އެދުނީ އެ ކުންފުންޏާއި އެމްޕީއެލްއާ ދެމެދު ހުޅުމާލެ ފޭސް ދޭއްގެ ދެ ޕްލޮޓްގައި 14 ބުރީގެ ސޯޝަލް ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރުމަށް 28 ޑިސެމްބަރު 2017 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުނީގެ ފަރާތުން 99 ޕަސެންޓަށްވުރެ ގިނަ މަސައްކަތް ނިންމާފައި ވަނިކޮށް، ހަތް ދުވަހުގެ ތެރޭގައި އެމްޕީއެލް ހިޔާ ޕްރޮޖެކްޓްގެ އިމާރާތްތައް އެމްޕީއެލްއާ ހަވާލު ކުރުމަށް 31 އޮކްޓޯބަރު 2024 ގައި އެމްޕީއެލްގެ ސިޓީއަކުން އެ ފަރާތަށް އަންގައި، އެ މުއްދަތުގައި ހަވާލު ނުކުރާނަމަ އެ އިމާރާތްތައް އެމްޕީއެލްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ބުނެފައިވާތީއެވެ.

އޭގެ އިތުރުން 6 އޯގަސްޓް 2018 އިން ފެށިގެން 18 އޮކްޓޯބަރު 2022 އާ ހަމައަށް އެ އެއްބަސްވުމަށް ގެނައި 10 ބަދަލާއެކު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އިމާރާތް ކުރުމުގެ މަސައްކަތުގެ އަގަކީ 570 މިލިއަން ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި އެއްބަސްވުމާ ގުޅިގެން އުފެދުނު ހިލާފުތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދު، ސެޓްލްމެންޓް އެއްބަސްވުމެއްގައި 31 އޮކްޓޯބަރު 2023 ގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ފުރަތަމަ އިސްލާހުގައި 3 ޖުލައި 2024 ގައި ސޮއިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި އެއްބަސްވުުމުގެ ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން ޑަބްލިއު އެންޑް އޭ އޯވަސީސްގެ ފަރާތުން 99 ޕަސެންޓަށްވުރެ ގިނަ މަސައްކަތް ނިންމި ނަމަވެސް ސެޓްްލްމެންޓް އެއްބަސްވުމުގެ ފުރަތަމަ އިސްލާހުގެ ދަށުން، އެމްޕީއެލްގެ ފަރާތުން ރިޓެންޝަން ފައިސާގެ 25 ޕަސެންޓަށްވާ ހަތް މިލިއަން ރުފިޔާ ދެ ޕޭމަންޓަށް ބަހާލައިގެން 15 ދުވަހުގެ ތެރޭގައި ރިލީޒްކުރަން އެއްބަސްވި ނަމަވެސް އެ ފައިސާގެ ދެބައިކުޅަ އެއްބައި ދޫކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދައްކައި 10.8 މިލިއަން ރުފިޔާ ހިމެނޭ އިރު، ރިލީޒް ނުކުރާ ރިޓެންޝަންގެ ގޮތުގައި 30 މިލިއަން ރުފިޔާ ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ ހަތް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް ސައިޓް ހަވާލުކުރަން އެމްޕީއެލުން އެންގީ އެ ފައިސާ ހޯދުމަށް 3 އޮކްޓޯބަރު 2024 ގައި އެމްޕީއެލްގެ ކިބައިން އެދުމުން ކަމަށެވެ.

އެމްޕީއެލުން އެގޮތަށް އެންގުމާ ގުޅިގެން ޑަބްލިއު އެންޑް އޭ އޯވަސީސްގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނީ އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ދައުވާ ކުރުމަށެވެ.

އެ ކުންފުނީގެ ފަރާތުން ވަގުތީ އަމުރު ނެރެދޭންޖެހޭ ސަބަބުތަކުގެ ގޮތުގައި ހުށަހެޅި ކަންތައްތަކަށް ބެލުމަށްފަހު، 14 ނޮވެމްބަރު 2024 ގައި ސިވިލް ކޯޓުުން ވަނީ 31 އޮކްޓޯބަރު 2024 ގައި އެމްޕީއެލުން ޑަބްލިއު އެންޑް އޭ އޯވަސީސްއަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންއައި އެމްޕީއެލްގެ ދެ ފްލެޓް އިމާރާތް ހުސްކޮށް ހަވާލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި އެތަނާ ގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެމްޕީއެލްގެ މައްޗަށް އަމުރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅޭ މައުލޫއީ ދައުވާ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ 2:00 ގެ ކުރިން ހުށަހަޅައިފިނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށް ކަނޑައަޅާ ކަމަށާއި އަދި ހުސޫމަތާ ގުޅޭ މައުލޫއީ ދައުވާ ހުށަހަޅައިފިނަމަ ޝަރީއަތުން މި އަމުރު ބާތިލުކުރުމާ ހަމައަށް ނުވަތަ ބަދަލު ކުރުމާ ހަމައަށް ނުވަތަ އެ މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް މި އަމުރު ދެމި އޮންނާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ނަމަވެސް އެމްޕީއެލްގެ ގައިރު ހާޒިރުގައި ކޯޓުން ނެރުނު މި އަމުރު މުރާޖައާކޮށްދިނުމަށް އެދި އެމްޕިއެލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެމްޕީއެލުން ބުނެފައިވަނީ މި އަމުރަކީ ގައިރު ހާޒިރުގައި އަމުރެއް ނެރެދިނުމަށް ހުށަހެޅި ހުށަހެޅުމުގައި ހާމަކުރަންޖެހޭ ހަގީގަތެއް ހާމަނުކޮށް ހުށަހަޅާފައިވާ ހުށަހެޅުމުުގެ މައްޗަށް ނެރެފައިވާ އަމުރެއް ކަަމަށާއި، އަމުރު ނުނެރުމަށް މައްސަލައިގެ ހާލަތު ތަން ނުދިނުމާއި، އަމުރު ނެރުމުގެ ސަބަބުން ހައްގު ނޫން ބުރައެއް އެމްޕީއެލް އަދި ތިންވަނަ ފަރާތްތަކަކަށް އުފުލަން ޖެހިފައިވުމުގެ ސަބަބުން އެ އަމުރަކީ ބާތިލު ކުރަންޖެހޭ އަމުރެއް ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ، ވަގުތީ އަމުރުގެ މައްސަލަ މުރާޖައާކުރަންޖެހޭ ސަބަބެއް ނެތް ކަަމަށެވެ. އަދި އެ ވަގުތީ އަމުރުގެ މައްސަލަ އެގޮތުގައި ދެމިއޮތް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.