އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް 133.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ހުށަހެޅުއްވި ޖުމްލަ ބަޖެޓްގެ އަދަދަކީ، 133،590،265 ރުފިޔާއެވެ.
މި ހިނގާ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް ކުޑަކުރަން އޭރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކާއި މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް، އޮޑިޓާ ޖެނެރަލް ފާހަގަ ކުރެއްވި އޮޑިޓްތައް:
- ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
- ލޯކަލް ކައުންސިލްގެ 106 އޮޑިޓް
- ޕަބްލިކް ފަންޑާއި ސްކީމްގެ 6 އޮޑިޓް
- ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ 22 އޮޑިޓް
- ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް
- މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ 4 އޮޑިޓް
- ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ގާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް
- ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް
- ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓްސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް
- އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓް
- ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް
- މިއަހަރު ނުނިމި ހުރި 120 އޮޑިޓް
އޮޑިޓާ ޖެނެރަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެ އޮފީހުން 183 ރިޕޯޓު ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި 259 އޮޑިޓެއްގެ މަސައްކަތް ކުރިއަށްދާ އިރު މީގެ ތެރެއިން ބޮޑު ބައެއް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ކަނޑައެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މީހަތަނަށް ހަރަދުވެފައިވާ އިރު، 45 މިލިޔަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
މި ފައިސާ ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވާ ކަންވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓްގައި، ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
އޮޑިޓް އޮފީސް
ނެރެވުނު އިރަކުން ނެރެވުނު ތަނެއްގެ ރިޕޯޓު ނެރެފަ އަދަދުތަކެއް ދެއްކެވިޔަކަސް އަދި އެނިމުނީއެއްނޫން. ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކިތައް ތަނުގެ ރިޕޯޓު ނެރުއްވާފައިވޭބާ؟ މިއަހަރުގެ ވާކްޕްރޮގްރާމުގަ ހިމަނައިގެން އެ މަސައްކަތް ނިންމަން ބަޖެޓަށް ފައިސާހޯދިތަނުން ނިންމުނީ އަދި ނުނިންމެނީ ކިތައް މަސައްކަތްބާ؟
ބާބާ - 2 ހަފްތާ ކުރިން