ރަސްމާލެ މަޝްރޫއުގެ ތެރެއިން، ޕްރޮޕަޓީ މިލްކު ކުރުމުގެ ފުރުސަތު އިޒްރޭލުގެ ރައްޔިތުންނަށް ނުލިބޭނެ ކަމަށާއި ލިޔެކިޔުންތައް އޮޅުވާލައިގެން އެފަދަ ކަމެއް ކުރި ކަމުގައިވީ ނަމަވެސް އެއްބަސްވުން ބާތިލުކުރާނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ލިންކްޑްއިންގައި އާންމުކުރެއްވި ބަޔާނެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ގަންނަ ފަރާތްތަކާއި، ހިއްސާދާރުންނާއި، ފައިނޭންސްކުރާ ފަރާތްތަކުގެ އިތުރުން ސޭލްސް އޭޖެންޓުންގެ ގޮތުގައި ވެސް އިސްރާއީލުގެ ރައްޔިތުންނަށް ނުވަތަ އެ ގައުމުގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
ޕްރޮޕަޓީ ގަންނަ ކޮންމެ ފަރާތަކުން ވެސް އެ މީހެއްގެ އަތުގައި އޮތް ހުރިހާ ގައުމެއްގެ ރައްޔިތުކަން ހާމަކުރަން ޖެހޭނެ ކަމަށާއި، ދޮގު މައުލޫމާތު ދީފިނަމަ އެއްބަސްވުން ބާތިލުކޮށް، ޕްރޮޕަޓީ ދައުލަތަށް ނެގުމުގެ އިތުރުން ދައްކާފައިވާ ފައިސާ ވެސް އަތުލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، 2015 ވަނަ އަހަރު ތައާރަފުކުރި ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުން އިންވެސްޓަރުންނަށް ވިސާ ލިބުނު ނަމަވެސް، އެއްވެސް ހާލަތެއްގައި ދާއިމީ ރަށްވެހިކަން ނުވަތަ ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބިދޭސީންނަށް ޕްރޮޕަޓީ ގަނެވޭނެ އަދަދުތަކަށް ލިމިޓްތަކެއް ކަނޑައަޅާނެ ކަމަށާއި، އެއްވެސް ފަރާތަކަށް ދާއިމީ މިލްކުވެރިކަން ނުވަތަ ފްރީހޯލްޑް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ފިޔަވައްސަކުން ވެސް ދިވެހިންނަށް އިސްކަންދޭނެ ކަމަށާއި، ދިވެހިން ފައިސާ ދައްކާނީ ދިވެހި ރުފިޔާއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެއަކީ ޒަޔަނިސްޓުން ވަޒަންވެރިވާ ތަނަކަށް ވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ޒަޔަނިޒަމްގެ އަމާޒަކީ ތާރީހީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުން ކަމަށާއި، އެހެން ގައުމުތަކުގައި މީހުން ވަޒަންވެރިކުރުވުން ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން އިސްރާއީލު ޕާސްޕޯޓު މަނާކޮށްފައިވާކަން ފާހަގަކުރައްވައި، އެ ނިންމުމާ ހިލާފަށް ޕްރޮޕަޓީގެ މުއާމަލާތެއްގެ ތެރެއިން ސަރުކާރުން ދޫނުދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި ޑިވެލޮޕަރު އީގަލް ހިލްސް އިން ވެސް މި ގަވާއިދުތަކަށް އަމަލުކުރާނެ ކަމަށް އާންމުކޮށް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ. އިސްރާއީލުގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބައި މީހުންނަކީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުން ކަމަށްވާ އިރު، ބޯޑަރުން އެކަން ކަށަވަރު ނުކުރެވުނު ނަމަވެސް، ޕްރޮޕަޓީ ގަންނައިރު ހަދާ ޗެކްތަކުގެ ސަބަބުން އެ ފުރުސަތު ބަންދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިން ކުރާ ތާއީދާއި އެއްބާރުލުމަކީ ބަދަލުނުވާނެ ކަމެއް ކަމަށާއި، އެ އިހުސާސްތައް ސިޔާސީ ބޭނުމަށް ބޭނުންނުކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ގައުމުގެ އިގުތިސާދު އަމިއްލަ ފައިމައްޗަށް ތެދުވުމަކީ، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ހިމާޔަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
އަލީ ޔާމިން
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު