ޓޫރިޒަމް މިނިސްޓްރީން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް (އެލްއޭސީ) ހިސާބުކުރާނެ އާ ރޭޓްތަކާއެކު، ރާއްޖޭގެ ހަ އަތޮޅަކަށް ހާއްސަ ލުއިތަކެއް ދީފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ 2022 ވަނަ އަހަރު އެކުލަވާލި ކްރޮސް ސަބްސިޑީ ގަވާއިދުގެ ދަށުންނެވެ. މި ލުއިތައް ހާއްސަކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ)، ހައްދުންމަތި (ލ) އަދި އައްޑޫ ސިޓީއަށެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ ބޭސް ރޭޓާއި، ހެކްޓަރަކަށް ޖެހޭ އަގާއި ބިމުގެ ބޮޑުމިން ގުނަކުރުމަށްފަހު، އޭގެ މައްޗަށް ސައިޒް ޕްރީމިއަމް އެއްކޮށްގެންނެވެ. މި ހަ އަތޮޅުގެ ތެރެއިން ލ. އަތޮޅު ފިޔަވައި ދެން ހުރި ފަސް އަތޮޅުގެ ބޭސް ރޭޓަކީ 500،000 ޑޮލަރެވެ. އަދި ހެކްޓަރަކަށް 35،000 ޑޮލަރު ކަނޑައަޅާފައިވާ އިރު، 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 400،000 ޑޮލަރު ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް، ލ. އަތޮޅުގެ ރޭޓުތައް މިއަށްވުރެ ބޮޑެވެ. އެ އަތޮޅުގެ ބޭސް ރޭޓަކީ ވެސް 500،000 ޑޮލަރު ކަމަށް ވިޔަސް، ހެކްޓަރަކަށް 60،000 ޑޮލަރު އަދި ސައިޒް ޕްރީމިއަމްގެ ގޮތުގައި 700،000 ޑޮލަރު ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، ބިން ހިއްކުމުގެ ހުއްދަ ދޫކުރާނީ ހިއްކާ ސަރަހައްދުގެ 70 ޕަސެންޓަށް، ހެކްޓަރަކަށް ކަނޑައަޅާފައިވާ ރޭޓުން ފައިސާ ދެއްކުމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ކޮންސެޝަން ރޭޓްތަކަށް އަމަލުކުރަން ފަށާނީ 29 ޖޫން 2025 ގައި ޝާއިއުކުރި އިއުލާނާ ގުޅިގެންނެވެ. އޭރު ނެރުނު އެ އިއުލާނުން ވެސް މި ހަ އަތޮޅުގެ ރޭޓުތަކަށް ލުއިދިން އިރު، މިފަހަރު އެއަށްވުރެ އިތުރަށް ވަނީ ލުއިދީފައެވެ.

މި ލުއިތައް ދޭން ނިންމާފައިވަނީ ފުރަތަމަ ނެރުނު އިއުލާނުގައިވާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.