(19 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ޝައްކެއްނެތެވެ. މި މަތިވެރި ހާދިސާގެ ވާހަކައިގައި ތަޠުބީޤު ނުކުރެވޭކަހަލަ ބައެއް ކަންކަންވެސް ވަނީ ހިމެނިފައެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ މިޢުރާޖުގެ ހާދިސާ ފެށެނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަޠީމުގައި (ޙިޖުރުގައި) ނުވަތަ އެމާތް ސާހިބާގެ ދެބެއިންގެދެދަރި އުޚުތެއްކަމުގައި أمّ هـــانــــى رضـــــــى اللّــــه عــنـــهـــا ގެ ގެކޮޅުގައި އަވަހާރަފުޅު ލައްޕަވައިފައި އޮންނަވަނިކޮށް ކަމުގައި ބަޔާންވެފައިވުމެވެ. ހަމައެފަދަ އަނެއް ނުކުތާއަކީ ބައެއް ރިވާޔަތްތަކުގެ ފަހަތުގައި ثُـــمَّ اسْـتَــيْـقَـظُـتُ (ދެން އަހުރެންނަށް ހޭލެވިއްޖެއެވެ.) މިގޮތަށް އައިސްފައިވުމެވެ. "اِسْـتَــيْـقَـظُـتُ" އަކީ އެހެންގޮތަކަށް މާނަކުރެވޭނެ ބަހެއް ނޫނެވެ. ތައުވީލުކުރެވޭނެ ބަހެއް ނޫނެވެ.

މިބާވަތުގެ ނުކުތާތަކުގެ ނުހަނު ފުރިހަމަ ތައުވީލެއް އުންމަތުގެ މުޙައްޤިޤު ޢިލްމުވެރީން ވަނީ ބަޔާންކުރައްވައިފައެވެ. އެބޭކަލުން ވިދާޅުވާގޮތުގައި އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ އެއްފަހަރަށްވުރެ ގިނަފަހަރު ހިނގައިފައިވާ ހާދިސާއެކެވެ. އެބޭކަލުންގެ ތަޙްޤީޤު ބިނާކުރައްވައިފައިވަނީ އެބޭކަލުން މުޢުތަބަރު ކަމުގައި ޤަބޫލުކުރައްވާ ރިވާޔަތްތަކުގެ މައްޗަށެވެ. ސަލަފުންގެ ޒަމާނުއްސުރެ އުންމަތުގައި އަންނަނީ މި އިޚްތިލާފު ހިނގަމުންނެވެ. މުސްތަޤްބަލުގައިވެސް މި ބަހުސު ދާނީ ކުރެވެމުންނެވެ.

ޑޮކްޓަރ އަސްރާރު އަޙްމަދު އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ "ރަސޫލެ އަކްރަމް صــلّـــــى اللّــــه عــلـيــــه وســلّـــــم އައުރެހަމް" މިފޮތުގައި ލިޔުއްވައިފައިވެއެވެ.

"محــمّــــد رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް މިޢުރާޖުގެ ޝަރަފުވަނީ އެންމެ މަދުވެގެންވެސް ދެފަހަރަކު ލިބިވަޑައިގެންފައެވެ. އެއްފަހަރު އެ ޝަރަފު ލިބިވަޑައިގެންނެވީ އެމާތް ސާހިބާގެ ނުބުއްވަތުގެ އެންމެ ކުރީކޮޅުގައެވެ. ނަބީކަމުގެ ދެވަނަ އަހަރު ނުވަތަ ތިންވަނަ އަހަރު ކަމުގައި ވިސްނައިވަޑައިގަންނަވާށެވެ. އާދެ، އެމާތް ސާހިބާގެ ވިލާދަތުގެ ސާޅީސް ދެވަނަ އަހަރު ނުވަތަ ސާޅީސް ތިންވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު މިޢުރާޖުގެ ހާދިސާ ހިނގައިފައިވަނީ އަވަހާރަފުޅުގައި އޮންނަވަނިކޮށެވެ. ހުވަފެންފުޅުގައެވެ. އެ ރިވާޔަތްތަކެއްގެ ނިމޭކޮޅުގައި "ثُـــمَّ اسْـتَــيْـقَـظُـتُ" މި ބަސް އައިސްފައިވާ ރިވާޔަތްތަކާ ގުޅެނީ އެފަހަރުގެ މިޢުރާޖާ ކަމުގައި ވާތީއެވެ. "ދެން އަހުރެންނަށް ހޭލެވިއްޖެއެވެ." މިފަދައިން ޙަދީސުކުރެއްވުމުން އެނގެނީ އެ ހާދިސާއަކީ އަވަހާރަފުޅު ލެއްޕެވުމުގެ ޙާލަތުގައި ކުރެއްވުނު ރޫޙާނީ ތަޖްރިބާއެއްކަމެވެ. އެ ތަޖްރިބާއަށް މުކާޝަފާއެކޭ ނުވަތަ ހުވަފެންފުޅެކޭ ދެންނެވިދާނެއެވެ.

އިސްރާއާއި މިޢުރާޖުގެ ނަމުން ޢާންމުކޮށް އެނގި މަޝްހޫރުވެފައިވާ ހާދިސާއަކީ ނަބީކަމުގެ އެގާރަވަނަ އަހަރު ނުވަތަ ބާރަވަނަ އަހަރުގެ ކުރީކޮޅުގައި ހިނގި ހާދިސާއެކެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އޭރުގެ ޢުމުރުފުޅަކީ ފަންސާސް ދެއަހަރުފުޅު ކަމުގައި ބުރަވެވެއެވެ. އާދެ، އެއީ އެމާތް ސާހިބާ މައްކާއިން މަދީނާއަށް ގެމަށް ވޮޑިގަތުމުގެ ދެއަހަރެއްހައި ދުވަސް ކުރީގެ ހާދިސާއެކެވެ. ޙަޤީޤަތުގައި އެއީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެމޭރުމުން އެހައިތަނަށް ކުރެއްވުނު ރޫޙާނީ މުކާޝިފާތަކުގެ ފުރިހަމަވުމެވެ. އެހައިތަނަށް މިރޮނގުން ކުރެއްވުނު ހުރިހައި ތަޖްރިބާތަކެއް އެންމެ ފުރިހަމަ ޙަޤީޤަތަކަށްވުމެވެ. މިފަހަރުގެ އެ ތަޖްރިބާ ކުރެއްވުނީ އަވަހާރަފުޅު ލައްޕަވައިފައި އޮންނަވަނިކޮށެއް ނޫނެވެ. އިސްރާއާއި މިޢުރާޖުގެ މިފަހަރުގެ ހާދިސާއަކީ ހަށިކޮޅާއި ފުރާނަފުޅާއެކު ހޭފުޅުލައްވައި ހުންނަވަނިކޮށް ކުރެއްވުނު ތަޖްރިބާއެކެވެ."

އިސްރާއުގެ ހާދިސާ ބަޔާންކުރައްވާ އާޔަތުގެ ޝަރަޙަ

އަޅުގަނޑުމެން މުޠާލިޢާ ކުރާން މިއުޅޭ މާތް އާޔަތް ފަށްޓަވައިފައިވަނީ "سبحــان" މި ބަސްފުޅުންނެވެ. އާދެ އެ ފިޢުލުގެ ޙަޤީޤީ ފާޢިލަކީ "سُـــبُّــــوحُ" ވަންތަ ޒާތުފުޅެވެ. ހުސްތާހިރުވަންތަ ރަސްވަންތަ މާތް اللّــــه އެވެ. އެކަން ނިސްބަތްވަނީ އެއްވެސް އިންސާނަކަށް ނޫނެވެ. ޚުދު ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަމިއްލަފުޅަށް المـسجــد الحـــــــرام އިން المـسجــد الأقـصــى އަށް ވަޑައިގެންނެވީކީ ނޫނެވެ. އެމާތް ސާހިބާ ގެންދެވުނީއެވެ. އާދެ ކަށަކުޅަދުންވަންތަ ހުސްތާހިރުވަންތަ ޒާތުފުޅުން އެކަލާނގެ އަޅާ ހަށިކޮޅާއި ފުރާނަފުޅާއިގެން ގެންދެވީއެވެ. އެކަން އެނގެނީ (سُـبْـحَــانَ الَّــذِىْ اَسْــــرَاى بِــعَــبْــدِهِ ..........) މި މާތް ބަސްފުޅުންނެވެ. ޝައްކެއްނެތެވެ. އެކަލާނގެ އަޅާ ރޭގަނޑުގެ ބައެއްގައި المـسجــد الحـــــــرام ން المـسجــد الأقـصــى އަށް ގެންދެވުމާއި އެއަށްފަހު ســـدرة المـنــتــهـــى އަށް އުފުއްލެވުމާއި އެމާތް ސާހިބާގެ ވަޒަނަށް އަނބުރައި ގެންނެވުމަކީ އެއްވެސް ޙާލެއްގައި އެކަލާނގެ ރަސްކަންފުޅަށް މުސްތަޙީލު ކަމެއް ނޫނެވެ. ކައުނުގައި ފަލަކީ އަޖްރާމްތައް ހިންގަވާ ޒާތުފުޅަށް ނުހަނު ފަސޭހަފުޅު ކަމެކެވެ.

މިމާތް އާޔަތާ ބެހޭގޮތުން ވިސްނައިލާންޖެހޭ ނުކުތާއަކީ ނުވަތަ ލަފުޒަކީ މި އާޔަތުގައިވާ "عــبـــد" މި ބަސްފުޅެވެ. އޮޅުމެއްނެތްގޮތުގައި عــبـــد ނުވަތަ "އަޅާ" މި ބަސްފުޅުން މުރާދުވަނީ ހަމައެކަނި ރޫޙުފުޅެއް ނޫނެވެ. ރޫޙުފުޅަށާއި ހަށިކޮޅަށެވެ. އެދެބައިގެ އެކުވުމަކަށެވެ. އަޅުގަނޑުމެންނަކީ މާތް اللّــــه سبحـــانــــه وتــعــــالــــى ގެ އަޅުންނެވެ. "عــبـــد ން" ނެވެ. އަރަހުށި މާތް اللّــــه ގެ އަޅުންކަމުގައިވަނީ ހުސްއެކަނި އަޅުގަނޑުމެންގެ ފުރާނަތަކެއް ނޫނެވެ. ފުރާނަޔާއި ހަށިގަނޑާ އެކުވެފައިވާ ޒާތެވެ. ހަމައެފަދައިން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް މާތް اللّــــه ގެ އަޅަކަށް (عــبـــد އަކަށް) ވެވަޑައިގަންނަވަނީ އެމާތް ސާހިބާގެ ހަށިކޮޅާއި ފުރާނަފުޅު އެކުވުމުންނެވެ. އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ފުރާނަތަކުގެ އަސްލު ޙަޤީޤަތެއް ނޭނގެއެވެ. އެހެންކަމުން "عــبـــد" ގިނަފަހަރަށް މާނަކުރެވެނީވެސް "جـســـد" (ޖަސަދު) ކަމުގައެވެ. މި ތަފްސީލުތަކުން ޞަރީޙަކޮށް އެނގެނީ މި މާތް އާޔަތުގައި އެ ބަޔާންކުރައްވަނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރޫޙުފުޅު އިސްރާ ކުރެއްވި ވާހަކައެއް ނޫންކަމާއި އެމާތް ސާހިބާ އިސްރާ ކުރެއްވީ ހަށިކޮޅާއި ފުރާނަފުޅާ އެކުގައިކަމެވެ.

ވިސްނައިލާންޖެހޭ ތިންވަނަ ނުކުތާއަކީ މިމާތް އާޔަތުގައި މުޚާޠަބު ކުރައްވަނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރިސާލަތުގެ ހައިސިއްޔަތަކާ ނޫންކަމެވެ. عــبـــديّــت ގެ ހައިސިއްޔަތުން ކަމެވެ. ކީރިތި ޤުރްއާނުގެ އުސްލޫބަށް ނަޒަރު ހިންގާއިރު އަރަހުށި މާތް اللّــــه އެކަލާނގެ ޚާއްޞަ ޢިނާޔަތާއި އޯގާވަންތަކަމާ ގުޅުންހުންނަ ކަންކަމުގައި ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ގުޅޭގޮތުން ވަރަށްގިނަފަހަރަށް ޙަވާލާދެއްވައިފައިވާތީ ފެންނަނީ އެމާތް ސާހިބާގެ عــبـــديّــت ގެ ހައިސިއްޔަތާއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ كــهــف ســـــورة ފަށްޓަވައިފައިވަނީ މިދަންނަވާ މޭރުމުންނެވެ.

"ޙަމްދުހުރީ اللّــــه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެފޮތުގައި އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވައެވެ. (ســـــورة الكــهــف: 1)

ހަމައެފަދައިން فــــرقــان ســـــورة ވެސް ފަށްޓަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ޢާލަމްތަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ." (ســـــورة الــفــــرقــان: 1)

ހަމަ މިމޭރުމުން ســـــورة الـنّـجــــم ގައި ވަޙީކުރައްވައިފައިވެއެވެ.

"ދެން (اللّــــه) އެކަލާނގެ އަޅާއަށް ވަޙީކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީ ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)" (ســـــورة الـنّـجــــم: 10)

އިސްރާއާއި މިޢުރާޖުގެ ވާހަކަ - ނަބަވީ ޙަދީސުފުޅުގެ މޫނުބަލާ ލޯގަނޑުން

މިހައިތަނުން ފެށިގެން ދެން އަޅުގަނޑު މަސައްކަތް ކުރާނީ އިސްރާއާއި މިޢުރާޖުގެ ހާދިސާއަށް ޖުމުލަގޮތެއްގައި ނަމަވެސް އަލިއަޅުވައިލެވޭތޯއެވެ. މިތާނގައި އަޅުގަނޑު ބަލާނީ މުއްތަފަޤު ޢަލައިހި ރިވާޔަތްތަކުގައިވާގޮތަށް މި ހާދިސާގެ ވާހަކަ ބަޔާންކުރެވޭތޯއެވެ. ދެވަނަ ނުވަތަ ތިންވަނަ ދަރަޖައިގެ ރިވާޔަތް ތަކުގައިވާގޮތަށް ވާހަކަ ބަޔާންކުރާކަށެއް ނޫނެވެ.

އަޅުގަނޑު އަސްލަކަށް މިބަލާ ރިވާޔަތުގެ ރާވީއަކީ އަންޞާރިއްޔަ ޞަޙާބީއެކެވެ. مــالـك بـــن صعـصعـــة رضـــــى اللّــــه عــنـــــه އެވެ. އެކަލޭގެފާނަކީ މާގިނަ ޙަދީސުތަކެއް ރިވާކުރެއްވި ބޭކަލެއް ނޫނެވެ. ނަމަވެސް އެކަލޭގެފާނު ވަނީ ނުހަނު އިޙްތިރާމާއި ލޯބިފުޅާއެކު މިޢުރާޖުގެ ޙަދީސު ރައްކައުތެރި ކުރައްވައި އެ ޙަދީސު ރިވާކުރައްވައިފައެވެ. އެހެންކަމުން ޚުދު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުން މިޢުރާޖުގެ ވާހަކަ އަޑުއެއްސެވި ބޭކަލުންކުރެވެސް ބައެއް ބޭކަލުން ވަނީ مــالـك بـــن صعـصعـــة رضـــــى اللّــــه عــنـــــه ގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ އަރިހުން މި ޙަދީސު އަލުން އަޑުއައްސަވައިފައެވެ. އެފަދަ އެއްބޭކަލަކީ أنــس بــــن مــالــك رضــــــى اللّــــه عــــنـــــه އެވެ. އެހެންކަމުން މި ރިވާޔަތުގެ އަގުވަނީ މުޙައްދިޘުންގެ އަރިހުގައި ވަރަށް މަތިވެފައެވެ.

إمــــام بخـــــارى رحــمــه اللّــــه އެކަލޭގެފާނުގެ ޞަޙީޙުގައި މި ރިވާޔަތު ފަށްޓަވައިފައިވަނީ އަންނަނިވި މޭރުމުންނެވެ. "عــــن قــتـــادة عــــن أنــس بــــن مــالــك عــــن مــالــك بــــن صعـصعـــة" إمـــام مسـلــم އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވައިފައިވަނީ أنــس بــــن مــالــك رضــــــى اللّــــه عــــنـــــه ގެ ސީދާ ޙަވާލާދެއްވައެވެ. އެ ރިވާޔަތުގައިވެއެވެ. "عـَـــنْ مَــالِــكِ بـْـــنِ صَـعْـصَعَـــةَ اَنَّ نَـبِــىَّ اللَّــــهِ صــلّـــــى اللّــــه عــلـيــــه وســلّـــــم حَـــدَّثَـــهُــــمْ عـَـــنْ لَــيْــلَـــةٍ اُسْــــرِىَ بِــــهِ."

مــالـك بـــن صعـصعـــة رضـــــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. ޚުދު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަނީ އެކަލޭގެފާނާއިގެން އިސްރާކުރެއްވުނު ރޭގެ ކަންހިނގައިދިޔަގޮތާއި އެކިއެކި ވާޤިޢާތައް އަހަރެމެންނަށް ވިދާޅުވެދެއްވައިފައެވެ. އެމާތް ސާހިބާ ވިދާޅުވެދެއްވިއެވެ.

އެރޭ އަހުރެން އޮތީ ޙަތީމުގައި (ނުވަތަ ވިދާޅުވީ ހިޖްރުގައެވެ. ހިޖްރަކީވެސް ޙަތީމުގެ ބައެކެވެ.) އޮށޯވެލައިގެންނެވެ. ކުއްލިޔަކަށް އަހުރެންގެ ގާތަށް އައިމީހަކު އަތުވެއްޖެއެވެ. - އެމީހާ އަހުރެންގެ މިހިސާބުން ފެށިގެން މިހިސާބަށް (ކައުނަބިއްޔާ އިޝާރަތްކުރެއްވީ އެމާތް ސާހިބާގެ ލަގޮނޑިވަޅުފުޅުން ފެށިގެން ފޫޅުފުޅާ ހަމަޔަށެވެ.) ފަޅުއްވައިލެއްވިއެވެ. ދެން އަހުރެންގެ ހިތް ނެރުއްވިއެވެ. ދެން ރަނުގެ ތަބައްކޮޅެއް ގެނެވުނެވެ. އެ ތަބައްކޮޅު ފުރައިލެވިފައިވަނީ އީމާންކަމުންނެވެ. ދެން އަހުރެންގެ ހިތް ދޮވެލެއްވިއެވެ. ދެން ޒަމްޒަމް ފެނުން އަހުރެންގެ ބަނޑުތެރެވެސް ދޮވެލެއްވިއެވެ. އެއަށްފަހު އަހުރެންގެ ހިތާއި ހަށިގަނޑުގެތެރެ ޙިކުމަތާއި އީމާންކަމުން ފުރައިލެއްވިއެވެ. ދެން އަހުރެންގެ ކައިރިޔަށް ސޫތްޕެއް ގެނެވިއްޖެއެވެ. އެއީ ބަޣުލަކަށްވުރެ ކުޑަ ޙިމާރަކަށްވުރެ ބޮޑު ސޫތްޕެކެވެ. އޭގެ ކުލަޔަކީ ހުދު ކުލައެވެ. އޭގެ ނަމެއްކަމުގައި ބުނެވުނީ ބުރާޤެވެ. (مـــولانــاأبـــوالـكــلام آزَد ވިދާޅުވާގޮތުގައި ބުރާޤު މިނަމުގެ އަސްލަކީ ބަރުޤުއެވެ. ވިދުވަރެވެ. އެ އިޝާރާތްކުރެއްވުނީ އަލިދަތުރުކުރާ ސްޕީޑަށެވެ. رســـول رحـمت) އެ ސޫފި ކޮންމެ ފިޔަވަޅެއްވެސް އަޅަނީ އޭގެ ނަޒަރުފޯރާ ދުރުމިނުގައެވެ. ދެން އަހުރެން އެއަށް ސަވާރުކުރެވިއްޖެއެވެ. އަހުރެންނާއެކު جــبـــــريـــل ވަޑައިގެންނެވިއެވެ. (މިތާނގައިވަނީ جــبـــــريـــل ގެފާނުގެ ނަންފުޅު ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ.) ދެން އަހުރެންނަށް ދުނިޔޭގެ އުޑާ ހަމަޔަށް ދެވިއްޖެއެވެ.

(ނުނިމޭ)