(16 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

މަނިކުފާނު އެތާނގައި ހުންނަވާ އިރު ސޫމްނާތުގެ ދިފާޢީ ބާރާ ބެހޭގޮތުން ރަނގަޅު ތަފާސްހިސާބުތަކެއް ހޯއްދެވިއްޖެ ކަމުގައި ވާނަމަ، ވަރަށް ބޮޑު ޚިދުމަތަކަށް ވާނެއެވެ. އަޅުގަނޑު ޢަބްދުﷲ މެދުވެރި ކޮށް މަނިކުފާނާ ގުޅުން ބަހައްޓާނަމެވެ. މަނިކުފާނު ވަޑައިގެން ނުއުޅުއްވާ ދުވަސްވަރު، މަނިކުފާނުގެ ކޮއްކޯފުޅު ހޯދުމުގައި އަޅުގަނޑު ކުޑައިކޮށް ވެސް ފަރުވާ ކުޑައެއް ނުކުރާނަމެވެ. އަޅުގަނޑަށް ހީ ވާ ގޮތުގައި سلطان محمود އުތުރުގެ މައްސަލަތައް ނިމުމާ އެކު ކަލަންޖަރަށާއި ގަވާލިޔާރަށް ވަޑައިގަންނަވާނެއެވެ. އެތަންތަން ފަތަޙަ ވުމުން، އަޅުގަނޑަށް މަނިކުފާނުގެ ކޮއްކޯފުޅު ހޯދުމުގައި އެތަންތާނގެ ވެރީންނާއި ޢާއްމުންގެ އެހީތެރިކަން ހޯދިދާނެއެވެ."

ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑުގެ ދަތުރުގެ މަޤުޞަދު މަނިކުފާނު ފުޅާ ކޮށްދެއްވީތީ އަޅުގަނޑު ވަރަށް ބޮޑަށް އުފާ ކޮށްފީމެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު ބަރެއް އެބައޮތެވެ. އަޅުގަނޑު ދިޔުމުގެ ކުރީން މަނިކުފާނާ ބައެއް ވާހަކަ ދައްކައިލާން ބޭނުމެވެ."

"ވިދާޅުވާށެވެ!"

"މި ވާހަކަ ދަންނަވާން ވެސް އަޅުގަނޑު ދެރަ ވެއެވެ. ނަމަވެސް އަޅުގަނޑު ދަންނަވާނީ سلطان محمود ގެ ފުތޫޙާތުން އަޅުގަނޑު އުއްމީދު ކުރި ނަތީޖާތައް އަދިވެސް ފެންނާން ނުފަށާ ކަމުގައެވެ. ޒަމާންވީ އަނިޔާވެރިކަމުގެ ކިއްލާތައް ތަޅުއްވަމުން އޭނާ އެބަ ގެންދަވައެވެ. ނަމަވެސް އެތަންތާނގައި އެތަނެއްގެ ތެރޭގައި ދާއިމީ އަމަނާއި ޢަދުލުއިންޞާފު ލިބިގަތުމަށް އެދޭ ބަޔަކު ޙިމާޔަތް ލިބިގަންނާނެ ޢިމާރާތްތަކެއް ބިނާ ކުރެވެމުންނެއް ނުދެއެވެ. އޭނާ ކަށިގަސްތައް ފުނޑުފުނޑު ކުރައްވަމުން އެބަ ގެންދަވައެވެ. ނަމަވެސް ހިކިފައި ވާ މާގަސްތަކަކަށް ފެނެއް ނުދެއްވައެވެ. އޭނާ ފަތަޙަތަކެއް ހޯއްދަވައިފިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ޢާއްމުން އަދިވެސް ތިބީ އެ ފަތަޙަތަކުގެ މޭވާއިން މަޙުރޫމު ވެފައެވެ. ޙަޤީޤަތުގައި އޭނާ ވަޑައިގަތުމުން މި ޤައުމަށް އައި އިންޤިލާބަކީ މަތިމަތީން އައި ވަގުތީ އިންޤިލާބެއް ކަމުގައި ނުހިމެނޭތޯއެވެ؟ އޭނާއަކީ މި ނާމާން އަނދިރިކަން ވެރި ވެފައި އޮތް ޤައުމަށް އުދަ ވި އާ ފަތިހެއްގެ އިރެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާއެކޭ ބަލާ މީހުންގެ ލޯތައް ކުއްލިޔަކަށް ތަރަތަރަ ޖެއްސުވުމަށް ފަހު ފަޒާގެ ހުސްކަމުގެ ތެރެޔަށް ގެއްލިގެންދާ ގިނިކަނދެކޭ އެއްގޮތެއް ނޫންތޯއެވެ؟

"ގުނޫޖުގެ ރަސްގެފާނު ބަލިފުޅު ވިކަމުގައި ވިޔަސް، މިތާނގެ އަހުލުވެރީންނަށް ގޮށްމުށު ބާރުގެ ވެރިކަމެއްގެ ދަށުން އަދިވެސް ސަލާމަތް ނުވެވޭކަމީ މަނިކުފާނަށް ވެސް އިންކާރު ނުކުރެއްވޭނެ ޙަޤީޤަތެކެވެ. سلطان محمود ދެކެ ބިރުފުޅުން އިސްތަށިފުޅު ލަންބަވައިލައްވައި ކިޔަމަންތެރި ވެވަޑައިގެންނެވި އަމީރުންތައް އަދިވެސް ތިއްބެވީ ރައްޔިތުންގެ ބޮލަށް ސަވާރު ވެވަޑައިގެންނެވެ. އެ ބޭފުޅުންގެ ހިތްޕުޅުގައި ރަސްގެފާނު ދެކެ އުފެދިފައި ވާ ބިރު ފިލުމާ އެކު، އެމަނިކުފާނު މިހާރު ހުޅުއްވައިދެއްވައިފައި ވާ ޢަދުލުވެރިކަމުގެ ދޮރު އަނެއްކާވެސް ބަންދު ވެދާނެއެވެ. ބުރަހުމަނުން އަނެއްކާވެސް މީސްތަކުންގެ ކަނދުރާތަކަށް ސަވާރު ވެދާނެއެވެ. ގުނޫޖުގެ އަމީރުން ކުރެ މަނިކުފާނު އިތުބާރު ކުރައްވާ ބައެއް އަމީރުން ވެސް ރާޖާ ގުންޑާއާ އަޑިއަޑީން ގުޅުއްވަމުން ގެންދަވާކަން މަނިކުފާނަށް ވަންހަނާ ވެވަޑައެއްނުގަންނަވާނެއެވެ."

عبدالواحد ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް ތިޔަ ހުރިހައި ކަމެއް ވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑު ތިޔަ ކަންކަމާ ކަންބޮޑެއް ނުވަމެވެ. ޤުދުރަތުން سلطان محمود އާ ޙަވާލު ކުރެއްވި މަސައްކަތްޕުޅު ދާނީ ފުރިހަމަ ވަމުންނެވެ. އޭނާ މި ޤައުމުގައި އައު ނިޒާމެއް އުފެއްދުމަށް ބޭނުން ވާ ކަހަލަ ވެއްޓެއް އުފައްދަވައިފިއެވެ. މި ވެށީގެ ފައިދާ ލިބިގަތުމަކީ އަޅުގަނޑާއި މަނިކުފާނުގެ ކަމެކެވެ. މި ޤައުމު ބިނާ ކުރާ މީހުން އާ ޢިމާރާތްތަކުގެ ބިންގާ އެޅުމަށް ޓަކައި އޭނާ އަނިޔާ އާއި ގޮށްމުށުބާރުގެ ކިއްލާތައް ތަޅުއްވައިދެއްވައިފިއެވެ. އަޅުގަނޑުމެން ޢަދުލުއިންޞާފާއި ހަމަހަމަކަމުގެ ދިދަ އުފުލައިލުމަށް ޓަކައި، އޭނާ އަނިޔާވެރިކަމުގެ ދިދަތައް އެކޮޅުކޮޅުން ޖައްސަވައިފިއެވެ. އޭނާ އިންސާނުން ނިކަމެތިކަމާއި އިހާނެތިކަމުގެ ތެރެޔަށް ކޮއްޕައި ގަންނަވައިލާ ދޭވަތާތަކުގެ ބުދުތައް މުގުރުއްވައިފިއެވެ. އަޅުގަނޑުމެން އިންސާނިއްޔަތުގެ ބަސް ގަދަ ކުރުމަށް ޓަކައެވެ. އޭނާއަކީ، ހަމަހިމޭން ކޯރުތަކާއި އާރުތައް ހިނގުމަށް ޓަކައި މަގު ހަދާ ސައިކަލެއްގެ ވަރުގަދަ ބިޔަ ރާޅެކެވެ. އަނިޔާވެރި ދައުލަތްތަކަށް އޭނާ މި ދެއްވި ޙަމަލައަކީ އެންމެ ފަހުގެ ނިމުމެއް ނޫންކަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެއެވެ. އޭނާ މި ހެއްދެވި މަގުތައް އެތަކެއް ފާތިޙުންނަށް މި ޤައުމަށް ވަޑައިގަތުމުގެ ދަޢުވަތު ދެމުން ގެންދާނެއެވެ. غزنی އާ ހިންދުސްތާނާ ދެމެދު އޭނާ ދަތުރުފުޅު ކުރެއްވި ފިޔަވަޅުގެ ނިޝާން، އަޅުގަނޑުމެންގެ އަންނަނިވި ނަސްލުތައް އާ ޤާފިލާތަކެއް ދެކޭނެ މައިމަގެއް ކަމުގައި ވާނެއެވެ. އެ ޤާފިލާތަކުގެ ދަތުރުވެރީންގެ އަތުގައި ކަނޑީގެ ބަދަލުގައި ހުންނާނީ ތެދުމަގުގެ ނޫރުގެ ދަންމަރުތަކެވެ. އެމީހުން މަނިކުފާނު ފަދަ އިންސާނުންނާ ބައިވެރި ވެގެން، ޤުދުރަތުން سلطان محمود އާ އެ ޢިމާރާތްތަކެއްގެ ބިންގާ އަޅުއްވާން ޙަވާލު ކުރެއްވި ޢިމާރާތްތައް ފުރިހަމަ ކުރާނެއެވެ.

"މިހާރު ވެސް އަފްޣާނިސްތާނުގެ ފަރުބަދަތަކާއި ގަންގާ ކޯރުގެ އައްސޭރީގެ މައިދާންތަކާ ދެމެދު އެތަކެއް ހާސް މީހުން އިސްލާމް ދީން ފަތުރާން މަސައްކަތް ކުރަމުން އެބަގެންދެއެވެ. އެމީހުން މި ޤައުމުގެ އެތަކެއް ހާސް އިންސާނުންގެ ހިތްތަކުގެ މައްޗަށް ދާއިމީ ފަތަޙަ ހޯދައިފިއެވެ. އެބައިމީހުން ޞުލްޙަވެރިކަމާ އެކު ހޯދަމުން ގެންދާ ފުތޫޙާތުގެ ސަބަބުން سلطان محمود ގެ ކަނޑިކޮޅުގެ ބާރުން ހޯއްދެވި ފަތަޙައަށް ވުރެ މާ ދުރަށް އަސަރު ފޯރުވާނެއެވެ. ފަހަރެއްގައި އިސްލާމީ ތާރީޚު ލިޔާ އިންޑިޔާ ނޫން އެހެން ތަންތާނގެ ލިޔުންތެރީން سلطان محمود ގެ ނަންފުޅު ލިޔާނީ ހިތްވަރުފުޅުގަދަ ޢަޒުމު ވަރުގަދަ ފާތިޙެއްގެ ޙައިޘިއްޔަތުން ކަމުގައި ވެދާނެއެވެ. ނަމަވެސް އިންޑިޔާގެ އަހުލުވެރީން سلطان محمود ގެ ތާރީޚު ލިޔާ އިރު، އޭނާއަކީ އައު އަލިކަމެއް މި ޤައުމަށް ގެންނެވި، އައު ދައުރެއްގެ ފެށުމަށް ގޮވައިލެއްވި ބޭފުޅެއްކަން ހަނދާން ނައްތައެއްނުލާނެއެވެ. އޭނާ ހަމައެކަނި މިތާނގެ ބޮޑާ ކިބުރުވެރި ރަސްރަސްކަލުންގެ ކަނދުރާތައް ލަންބަވައިލެއްވީއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެ ތަކެއްޗެއްގެ ކައުވަންތަކަމުގެ ތެރޭގައި އިންސާނިއްޔަތަށް ހެދިފޯދެވުމުގެ އެއްވެސް އުއްމީދެއް ނެތް ބުދުތަކުގެ ސިޙުރު ވެސް ބާޠިލު ކުރެއްވިއެވެ. سلطان محمود މި ކަރައިން އޭނާ ފަތަޙަ ކުރެއްވި ތަންތާނގެ ވެރިކަމުގެ ނިޒާމު އެމަނިކުފާނުގެ އަތްޕުޅުމައްޗަށް ނުގެންނަވާކަމަށް މަނިކުފާނު ތިޔަ ކުރެއްވި އިޢުތިރާޟުތަކަކީ ރަނގަޅު އިޢުތިރާޟުތަކެކެވެ. ނަމަވެސް އެމަނިކުފާނަށް ކުރިމަތި ލައްވާން ޖެހިވަޑައިގެންފައި ވާ މަޖުބޫރީ ޙާލަތު ވެސް މަނިކުފާނު ހަނދުމަފުޅު ނައްތަވައިލައްވައިގެން ނުވާނެއެވެ. އެމަނިކުފާނު އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ގިނަ ދުވަސްތައް ހޭދަ ކުރައްވަމުން ގެންދަވަނީ އަސްތަކުގެ ބުރިކަށިމަތީގައެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅުގެ މަގުމަތީގައި ވަރުބަލި ފިލުއްވުމަށާއި އަރާމު ކުރެއްވުމަށް އެއްވެސް ޖާގައެއް ނެތެވެ. އެމަނިކުފާނުގެ މަންޒިލަކީ އަބަދުވެސް ކޮންމެވެސް ހަނގުރާމައެއްގެ މައިދާނެކެވެ. ހަނގުރާމަޔާއި ފުތޫޙާތު އެމަނިކުފާނަށް ވެރިކަން ކުރެއްވުމުގެ ފުރުޞަތެއް ނުދެއެވެ. އެމަނިކުފާނު ފަތަޙަ ކުރައްވައިފައި ވާ އެތައް ޤައުމުތަކެއް، ފުރިހަމަ ބާރުގެ ދަށުގައި ބޭއްވެވުމަށް ޓަކައި އެމަނިކުފާނުގެ އަރިހުގައި މިހާރު އޮތް ލަޝްކަރަށް ވުރެ އެތައް ގުނައެއް ބޮޑު ލަޝްކަރަކަށް ބޭނުންފުޅު ވެއެވެ. ހިންދުސްތާނުން ބޭރުގައި އެމަނިކުފާނު ކުރިމަތި ލައްވާން ޖެހިވަޑައިގެންފައި ވަނީ، ވެރިކަމުގެ ތަޚުތުތަކަކީ ތިމާމެންގެ ޢާއިލާތަކުގެ ތަރިކައެއް ކަމުގައި ދެކޭ، ވެރިކަމަށް ދަހިވެތި ވެފައި ތިބޭ މީހުންނާއެވެ. އެބައިމީހުން ދުވަހަކުވެސް އެމަނިކުފާނު ހަމަހިލޭ އިންނެވިޔަކަ ނުދެއެވެ. އިންޑިޔާއިން އެމަނިކުފާނު ކުރިމަތި ލައްވާން ޖެހިވަޑައިގެންފައި ވަނީ އެ މުޖުތަމަޢެއްގެ ވެރިކަމުގައި ތިބި މީހުން ކަލުން ކަމުގައި ދަޢުވާ ކުރާ މުޖުތަމަޢަކާއެވެ. ކަން މިހެން ހުރުމާ އެކު، سلطان محمود ގެ ކުރިފުޅުމަތީގައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ކޮންމެވެސް ބިންކޮޅަކަށް ވެރި ވެވަޑައިގެން ހުންނަވައި އެތާނގެ އިންތިޒާމުތައް ހަމަ ޖެއްސެވުމުގައި އެމަނިކުފާނުގެ ޙަޔާތްޕުޅު ވޭތި ކޮށްލެއްވުމެވެ. އޭރުން އެމަނިކުފާނުގެ ނަޒަރުފުޅު އުތުރުފަރާތާއި ދެކުނުފަރާތުގައި މާ ދުރުގައި ހުރި ޤައުމުތަކަކަށް ހުއްޓައިލެއްވޭނެކަމެއް ނޭނގެއެވެ. ނަމަވެސް އެމަނިކުފާނު އިޚްތިޔާރު ކުރެއްވީ ދެވަނަ ގޮތެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ރަސްކަލެއްގެ ތަޚުތުގައި ބެއިންދެވުމުގެ ބަދަލުގައި ޤުދުރަތުން އެމަނިކުފާނު ޚިޔާރު ކުރެއްވީ ސިފައިންގެ މީހެއްގެ ވާޖިބު އަދާ ކުރައްވާށެވެ. ސިފައިންގެ މީހެއްގެ ޙައިޘިއްޔަތުން އެމަނިކުފާނުގެ ކާމިޔާބުގެ ސިއްރު ފޮރުވިފައި ވަނީ އެމަނިކުފާނުގެ ހުރިހައި ޢަސްކަރީ ބާރެއް އެއް ނާރެހަކަށް ޖަމާ ކުރެއްވުމުގައެވެ.

"ވިސްނައިވަޑައިގެންބައްލަވާށެވެ. އެންމެ ފުރަތަމަ ޙަމަލަތަކާ އެކު އެމަނިކުފާނު ލަމްޣާނާއި ސިންދު ކޯރާ ދެމެދުގެ ތަނަވަސް ސަރަޙައްދު އެމަނިކުފާނުގެ ވެރިކަމުގެ ދަށުގައި އޮބެހެއްޓެވުމަށް މަސައްކަތް ކުރެއްވި ނަމަ، އެމަނިކުފާނުގެ ޢަސްކަރީ ބާރުގެ ވަރަށް ބޮޑު ބައެއް އެތާނގައި ބާއްވަވާން އެމަނިކުފާނަށް ޖެހިވަޑައިގަތީހެވެ. އޭގެ ނަތީޖާއަކަށް ވާނީ އެމަނިކުފާނުގެ މަރުކަޒީ ސަރުކާރުގެ ބާރު ކުޑަ ވުމެވެ. އޭރުން އެއް ކޮޅުން އުތުރުގެ ޤައުމުތަކުގައި ތިބި ފިތުނަވެރީން އެމަނިކުފާނާ ދެކޮޅަށް ތެދު ވެގަންނާނެއެވެ. އަނެއްކޮޅުން އިންޑިޔާގެ ރަސްރަސްކަލުންނަށް އެމަނިކުފާނާ ދެކޮޅަށް އެކަތިގަނޑަކަށް ވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން މި ދެންނެވި ނުރައްކާތަކުން ސަލާމަތް ވެވަޑައިގަތުމަށް ޓަކައި سلطان محمود އެމަނިކުފާނުގެ ބާރުތައް ބޭއްވެވީ އެއް ވަލަކަށް މައްސަވައިފައެވެ. އެމަނިކުފާނު ކޮންމެ އަހަރަކު އެއްކޮޅުން އުތުރުގެ ތަންތަނަށް ޙަމަލަ ދެއްވައި އެމަނިކުފާނުގެ ފަތަޙަ ކުރެއްވުމުގެ ބާރަށް ލޮޅުމެއް ނާރާކަން ޔަޤީން ކުރާން އެމަނިކުފާނުގެ ވާދަވެރީންނަށް މަޖުބޫރު ކުރުއްވައެވެ. އަނެއްކޮޅުން، އިންޑިޔާގެ ދޭހިންދުގެ ވެރީންނާއި އެމީހުންގެ އެކުވެރީންނަށް ޙަމަލައަކަށް ފަހު ޙަމަލައެއް ދެއްވައި، އެބައިމީހުންގެ ފަންވަރު ނައްތައިލެއްވިއެވެ. އެހެންކަމުން، މިއަދު އެމަނިކުފާނުގެ ކުޑަކުޑަ މީސްކޮޅެއް އެއްވެސް ބަޣާވާތަކަށް ބިރެއް ނެތި އުތުރު އިންޑިޔާގެ ސަރަޙައްދުގެ މައްޗަށް މި ގެންދަނީ ވެރިކަން ހިންގަމުންނެވެ. ޤުދުރަތުން سلطان محمود އަށް ފުރުޞަތު ދެއްވައިފި ނަމަ ދުވަސްކޮޅަކުން އިންޑިޔާގެ މެދުތެރެ ވެސް އޮންނާނީ މި ގޮތަށެވެ. މިހާރު ވެސް އަޅުގަނޑަށް މިހައި ކުޑަކުޑަ މީސްކޮޅަކާ އެކު ގުނޫޖުގައި މި ހުރެވެނީ، އަދި އަޅުގަނޑާ ދެކޮޅަށް އެއްވެސް ބަޔަކަށް ބަޣާވާތް ކުރާން ނުކެރެނީ، މިތާނގެ މީހުންގެ ހިތްތަކުގައި ކޮންމެ ދިމާޔަކަށް ފުރިހަމަ ބާރާ އެކު ޙަމަލަ ދެވޭ ގޮތަށް ތައްޔާރަށް غزنی ގައި އެއޮތް ލަޝްކަރާ މެދު އުފެދިފައި ވާ ބިރުގެ ސަބަބުންނެވެ.

"سلطان محمود އަށް ބޭރުފުށުން ކިޔަމަންތެރި ވެވަޑައިގަތުމަށް ފަހު، އަޑިއަޑީން ރާޖާ ގުންޑާއާ އެ ބޭފުޅުންގެ އުއްމީދުތައް ގުޅުއްވައިފައި ވާ އަމީރުންނާ މެދު އަޅުގަނޑު ކުޑަކޮށް ވެސް ޖެހިލުމެއް ނުވެއެވެ. ރާޖާ ގުންޑާގެ ވެރިކަމުގެ ދުވަސްތައް މިހާރު ނިމުމަކަށް ދަނީއެވެ. އޭނާގެ ވެރިކަމުގެ ނިމުން ފެނިވަޑައިގަތުމާ އެކު އެބޭފުޅުންގެ އުއްމީދު ވެސް ވެއްޔާ މޮޑެވިދާނެއެވެ. އެހެންކަމާ އެކު ވެސް، سلطان محمود އަށް މި ހިސާބުގަނޑަށް ފުރިހަމަޔަށް ބާރު ނުހިންގެވި ދުވަސްކޮޅެއް ފާއިތު ވެގެން ދާ ނަމަ، އޭގެ ސަބަބަކަށް ވާނީ ސޫމްނާތު ހިންދުސްތާނުގެ އެންމެ ފަހުގެ ދިފާޢީ މަރުކަޒު ކަމުގައި ހިމެނިފައި ވުމެވެ. ސޫމްނާތު ފަތަޙަ ވުން ހިމެނޭނީ ހިންދުސްތާނުގެ ދޭވަތާއިންތަކާއި އެ ތަކެއްޗަށް އަޅުކަން ކުރާ މީހުން އަބަދަށް ޓަކައި ބަލި ވުން ކަމުގައެވެ. ސޫމްނާތުގެ ބުދަކީ އިންޑިޔާގެ އެންމެ ބޮޑު ބުދެވެ. އެ ބުދު މުގުރުއްވުމުން، سلطان محمود އިންޑިޔާއިން ޙާޞިލު ކުރައްވާން ބޭނުންފުޅު ވާ މަޤުޞަދު ޙާޞިލު ކުރެއްވުނީއެވެ.

(ނުނިމޭ)