މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ "އެޕްރޫވްޑް އެމްޕްލޯޔާ ޕްރޮގްރާމް" ގެ ދަށުން ދެ އެކްރެޑިޓޭޝަން ހާސިލުކޮށްފިއެވެ.

އެމްޓީސީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ދެ ސެޓިފިކޭޝަން އެމްޓީސީސީއަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔާ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން އޭސީސީއޭއިން ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީއަށް ލިބިފައިވާ ފުރަތަމަ ސެޓިފިކޭޝަނަކީ "އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ - ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް)" އެވެ. މިއީ އޭސީސީއޭގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރުމަށް މަސައްކަތްކުރަމުން އަންނަ އެ ކުންފުނީގެ ޓްރެއިނީންނަށް ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްދޭ ޕްލެޓިނަމް ފެންވަރުގެ ސެޓިފިކޭޝަނެކެވެ.

ދެވަނަ ސެޓިފިކޭޝަނަކީ "އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ - ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް" އެވެ. މި އެކްރެޑިޓޭޝަނަކީ އޭސީސީއޭ ފުރިހަމަކޮށްފައިވާ މެންބަރުންގެ ޕްރޮފެޝަނަލް ތަރައްގީއަށް މެދުކެނޑުމެއްނެތި ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމްޓީސީސީން ދެމިތިބޭކަން ފާހަގަކޮށްދޭ ސެޓިފިކޭޝަނެކެވެ.

އެމްޓީސީސީގެ މެނޭޖްމަންޓުން ދެކޭ ގޮތުގައި، މި ސެޓިފިކޭޝަންތައް ހާސިލުކުރުމަކީ އެ ކުންފުނީގެ އެކައުންޓިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން ތަރައްގީކުރުމަށާއި، އެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެކެވެ. އަދި ކުރިމަގުގައިވެސް ކުންފުނީގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ވާސިލުވުމަށް މުވައްޒަފުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިއޮތުމަކީ އެމްޓީސީސީގެ އަމާޒެކެވެ.