އިޒްރޭލުގެ އާއްމު އިންތިޚާބު މިމަހުގެ ހަތާވީސްވާ ހޯމަދުވަހު ބާއްވާނެއެވެ. ބޮޑުވަޒީރު ނަތަންޔާހޫއާއި އޭނާގެ ބައިވެރިން ބަލިވެ އިދިކޮޅު ފަރާތްތަކުން ޕާލަމެންޓްގެ މެޖޯރިޓީ ނަގައިފިނަމަ އިޒްރޭލުގެ ނޭއްގާނި ސިޔާސަތަށް ބަދަލުތަކެއް އަތުވެދާނެ ބާވައެވެ. ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި މިހާރު ގެންގުޅެމުންދާ ޖައްބާރުކަމަށް އެއްވެސް ބަދަލެއް އަތުވެދާނެ ބާވަައެވެ. މިސުވާލުގެ ޖަވާބު ލިބިގަތުމަށްޓަކައި ބަލަން ޖެހެނީ މި އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅު ލީޑަރުން ދައްކާ ވާހަކަތަކާއި ކުރާ ވައުދުތަކަށެވެ. އިޒްރޭލުގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޔޮސީ ބެއިލިން މިހަފުތާގައި ގަތަރުގެ ޖަޒީރާ ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި ދެއްކެވި ވާހަކަފުޅުތަކަށް ބަލައިލަމާ ބަހީއެވެ. އޭނާ ވިދާޅުވިއެވެ. އޮކްޓޫބަރު ހަތާވީހުގައި ބާއްވާ އިންތިޚާބުގައި ސެންޓަރ ލެފްޓް ކޯލިޝަނަށް ކާމިޔާބު ލިބިއްޖެނަމަ ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން ގެންގުޅޭ ސިޔާސަތު ބޮޑުތަނުން ބަދަލުވާނެއެވެ.
އޭނާގެ ބަހުރުވައިންނަމަ ބަދަލުތަކުގެ ބޮޑު ރާޅެއް އަންނާނެއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް ސެންޓަރ ލެފްޓް ކޯލިޝަނުން ބަލައިގެންފައިވާ މަގުޗާޓަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މީގެ އަހަރެއްހައި ދުވަސްކުރިން އިއުލާނުކުރި ވިހި ނުގުތާގެ ޕްލޭނެވެ. މިއީ ގާޒާގައި ހިގަމުންދާ ހަގުރާމަ ހުއްޓުވައި ގާޒާޔަށް ސުލްހަ ގެނެސް އެސަރަހައްދު އަލުން އާރާސްތު ކުރުމާބެހޭ ޕްލޭނެކެވެ. މީގައި ފަލަސްތީނުގެ މިނިވަން ދައުލަތެެއް އުފެއްދުމަށް އިޚުތިޔާރު ކުރަންވީ މަގުވެސް ބަޔާންކޮށްފައިވެއެވެ. ޔޮސީ ބެއިލިން ވިދާޅުވި ގޮތުން ސެންޓަރ ލެފްޓް ކޯލިޝަނުގެ ވިސްނުމަކީ މި ޕްލޭން ތަންފީޒު ކުރުމެވެ. އެހެންވީމާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މެދުމިން ގަބޫލުކުރާ މީހުންނާއި އިޒްރޭލުގެ ރައްޔިތުންގެ ތެރެއިންވެސް އެގޮތް ގަބޫލުކުރާ މީހުންނަށް ދުނިޔެއިން ހިތްވަރުދީގެން ކުރަންވީ ކަމަކީ ސުލްހައިގެ މަގުން ކުރިއަށްދެވޭނެ ގޮތެެއް ހޯދުންކަމަށްވެސް ބެއިލިން ވިދާޅުވިއެވެ.
މިހިސާބުން ދެން ބަލަންޖެހެނީ ޔޮސީ ބެއިލިންއަކީ ކާކުތޯއެވެ. ސެންޓަރ ލެފްޓަކީ ކޮބައިތޯއެވެ. އުމުރުފުޅުން މިހާރު 78 އަހަރުވީ ބެއިލިންއަކީ އިޒްރޭލުގެ ބޮޑުވަޒީރު ކަމުގައި ޔިޒަކް ރަބީން ހުންނެވި ދުވަސްވަރު ފަލަސްތީނާއެކު ސުލްހައިގެ ކަންތައް ރާވައި ހިންގުމުގެ އާރުކާޓީއެކެވެ. އެކި ދައުރުތަކުގައި އިޒްރޭލުގެ ކެބިނެޓުގައި ހިމެނިވަޑައިގެންފައިވާ ބޭފުޅެކެވެ. ކުރިން ހުންނެވީ ސެންޓަރ ލެފްޓް ޕާޓީއެއްކަމަށްވާ ލޭބަރ ޕާޓީގައެވެ. ފަހުން ވާތުފިޔައިގެ އެހެން ޕާޓީއެއްގައެވެ. މެރެޒް ޕާޓީގައެވެ. ސެންޓަރ ލެފްޓަކީ މީގެ ދެ އަހަރު ކުރިން ދަ ޑިމޮކްރެޓްސްގެ ނަމުގައި ލޭބަރ ޕާޓީއާއި މެރެޒް ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދެކެވެ. މި އިއްތިހާދުގެ ލީޑަރަކީ އިޒްރޭލުގެ އަސްކަރިއްޔާގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޔައިރު ގޮލާންއެވެ. އަސްކަރިއްޔާގައި އޭނާ ޚިދުމަތް ކުރެއްވީ 1980 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށެވެ. އޭގެފަހުން އުޅުއްވަނީ ސިޔާސީ ދާއިރާގައެވެ.
ޔައިރު ގޮލާނުގެ ދަ ޑިމޮކްރެޓްސްއާއެކު ދެން މިދެންނެވި ސެންޓަރ ލެފްޓް ކޯލިޝަނުގައި ކުރީގެ ބޮޑުވަޒީރު ނެފްތަލީ ބެނެޓް، އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ގާޑީ އެއިޒެންކޮޓް އަދި ކުރީގެ ދިފާއީ ވަޒީރެެއް ކަމުގައިވާ އަވިގްޑޯ ލީބަރމަން އަދި ޔައިރު ލިޕިޑުވެސް ހިމެނިވަޑައިގަންނަވައެވެ. މިއިން ކޮންމެ ލީޑަރަކީ ކޮންމެވެސް ޕާޓީއެއްގެ ލީޑަރެކެވެ. އެކަމަކު ޔައިރު ގޮލާން ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަކީ ވަރަށް ގިނަ ކަންކަމުގައި ކަނާތުފިޔައިގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބެލެވޭ ބޭފުޅުންނެވެ. މި އެންމެން އެއްގަލަކަށް އަރައިގެން އުޅެނީ ނަތަންޔާހޫ ބަލިކުރުމަަށްޓަކައެވެ. ދަ ޑިމޮކްރެޓްސްގެ ލީޑަރު ގޮލާން ފިޔަވައި ފަލަސްތީނުގެ ދައުލަތެއްގެ ޚިޔާލަށް ތާއީދު ކުރައްވާ ބޭފުޅަކުވެސް ނެތެވެ. އެހެންވީމާ ނަތަންޔާހޫ ބަލިވެ މި ކޯލިޝަނުގެ ތެރެއިން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިއަސް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މަގުފަހިވާ ކަހަލަ ސިޔާސަތެއް ގެންގުޅުން ގާތެއް ނޫނެވެ.
އިންތިޚާބަށްފަހު ކޮންމެ ބޭފުޅަކު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިއަސް އެބޭފުޅަކު ވާނީ ޕާލަމެންޓުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީއެއްގެ ލީޑަރަށެވެ. އެއީ މަތީގައި ބަޔާންކުރެވުނު ލީޑަރުންގެ ތެރެއިން ލީޑަރަކަށް ވެދާނެއެވެ. އެކަމަކު ހަގީގީ ބަދަލެއްގެ އަސަރުވެސް ފެންނާނީ ޔައިރު ގޮލާނުގެ ދަ ޑިމޮކްރެޓްސްއަށް އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އޭރުން ހަމަކަށަވަރުންވެސް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އޭނާއެވެ. އިޒްރޭލުގެ ޕާލަމަންޓް އެކުލެވިގެންވަނީ ޖުމްލަ ސަތޭކަވިހި ގޮނޑީގެ މައްޗަށެވެ. އެހެންވީމާ އަޣުލަބިއްޔަތަކީ މަދުވެގެން ފަސްދޮޅަސް އެއްގޮނޑިއެވެ. މީގެތެރެއިން އެއްވެސް ޕާޓީއަކަށް އެއަދަދަށް ގޮނޑި ނެގޭނޭ ކަމަށް މިވަގުތު ޚިޔާލު ހޯދުންތަކުން ނުދައްކައެވެ. އަދި ބޮޑުވަޒީރު ނަތަންޔާހޫއަށްވެސް އެކަން ކުރެވޭނޭ ކަމަކަށް ނުދައްކައެވެ. ފަހަރުގައި ސެންޓަރ ލެފްޓް ކޯލިޝަނޭ ކިޔުނު އިއްތިހާދުގައި ހިމެނޭ ޕާޓީތައް އެއްކޮށްލުމުން އަޣުލަބިއްޔަތު ހަމަކުރެވިދާނެއެވެ. ނެގިދާނެއެވެ.
މިދެންނެވިގޮތް ވެއްޖެނަމަ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އޭގެތެރެއިންވެސް އެންމެ ގިނަ ގޮނޑި ނިސްބަތްވާ ޕާޓީއެއްގެ ލީޑަރެވެ. ނުވަތަ މިއެންމެންގެ ތެރެއިން މިވަގުތު ބޮޑުވަޒީރުކަމަށް އެންމެ އެކަށޭނަ ކަމަށް އެމީހުންނަށް އެއްބަސްވެވޭ މީހެކެވެ. މިހާލަތުގައި ޔައިރު ގޮލާންގެ ފަހަތަށް ދެން ތިއްބެވި ލީޑަރުން އަރާނޭ ކަމަށް ނުފެނެއެވެ. އޭގެ ސަބަބު މަތީގައި ބަޔާން ކުރެވިއްޖެއެވެ. މިދެންނެވި ސަބަބުތައް އެގޮތަށް ހުއްޓަސް ނަތަންޔާހޫ ބަލިވެއްޖެނަމަ އަންނާނޭ ބަދަލުތައް އެބަހުއްޓެވެ. އަންނަންޖެހޭ ބަދަލުތައްވެސް އެބަހުއްޓެވެ. އީރާނާ ދެކޮޅަށް ކުރާ ހަގުރާމައަށް ބަދަލު އަންނާނެއެވެ. އެއީ މިހަގުރާމަޔަކީ ނަތަންޔާހޫގެ ސިޔާސީ ކުރިމަގަށްޓަކައި ކުރާ ހަގުރާމައަކަށް ވުމުންނެވެ. ގާޒާޔާއި ލުބުނާނުގައި ހިންގަމުންދާ ގަތުލުއާއްމަށްވެސް ހިސާބެއްގެ މައިތިރި ކަމެއް އަންނާނެއެވެ. އެއީވެސް ނަތަންޔާހޫގެ ފިކުރުގެ މައްޗަށް ކުރެވޭ ކަންކަން ކަމުގައިވާތީއެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ކޮމެންޓް