ދިވެހި ފުލުހުންގެ ހިދުމަތުން ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ރޭ ޝާއިއުކުރި މައުލޫމާތުގައިވާ ގޮތުގައި، މި ފައިސާ ހޯދައިދީފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް"ގައި އެ ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެގެން ކުރި މަސައްކަތުންނެވެ. މާލީ އިދާރާތަކާ ގުޅިގެން އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން، ގެއްލުނު ކަމަށް ރިޕޯޓުކުރި ޖުމްލަ ފައިސާގެ ތެރެއިން 3،104،075.38 (3.1 މިލިއަން) ރުފިޔާ ނުވަތަ 59.1 އިންސައްތަ ވަނީ އަނބުރާ ހޯދައިދީފައެވެ.
ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ތިން މަސްދުވަހުގެ މި އޮޕަރޭޝަނުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް ޖުމްލަ 544 މައްސަލައެއް ހުށަހެޅި އިރު، އެ މައްސަލަތަކުގައި 5،256،101.97 (5.2 މިލިއަން) ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑުކުރެވުނެވެ. މި މުއްދަތުގައި ފުލުހުން ކުރި ތަހުގީގުތަކުން ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 މީހަކު ދެނެގަނެ، 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުވިޔަ ނުދިނުމަށް ބޭންކުތަކާ ގުޅިގެން 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ފްރީޒްކޮށްފައެވެ.
ރާއްޖޭގައި މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގި ސްކޭމްތަކެވެ. އެ ބާވަތުގެ 230 މައްސަލައެއް ހުށަހަޅާފައިވާ އިރު، ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައެވެ. މީގެ އިތުރުން ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލި 80 މައްސަލައަކާއި، އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި 43 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލައަކާއި، ހުއްދަ ނެތި އެކައުންޓުން މުއާމަލާތް ހިންގި 27 މައްސަލައެއްގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދި 8 މައްސަލައެއް ވެސް ހިމެނެއެވެ.
ފުލުހުން ބުނި ގޮތުގައި، ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާއާއި އިންޓަޕޯލް އަދި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ)ގެ އިތުރުން ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި ޑިޖިޓަލް މާލީ ކުށްތައް ހުއްޓުވުމެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މި އޮޕަރޭޝަނުން މަކަރާއި ހީލަތް ހިންގަން ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ހުއްޓުވައި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ވަނީ ދެނެގަނެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 4،126 ބޭންކު އެކައުންޓާއި ސޯޝަލް މީޑިއާގެ 570 އަށްވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގި 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފައެވެ. މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ބޭއްވި އދ.ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް