ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމްގެ 95 ޕަސެންޓު ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ގެތަކަށް ފެންވަދެ ލިބުނު ގެއްލުންތަކާ ގުޅިގެން ނޮޅިވަރަމްގެ ބައެއް އާއިލާތައް އެހެން ގެތަކަށް ބަދަލުކޮށްފައިވެއެވެ.

ނޮޅިވަރަމްގައި ފެންބޮޑުވުމާ ގުޅިގެން ރަށުގެ ފަސް ސަރަހައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް އެ މަސައްކަތުން ވެސް ރަށުތެރޭގައި އުފެދިފައިވާ ފެންގަނޑު ނުހިނދޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އެހެންކަމުން، އެ ހާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައެވެ.

23 އޮކްޓޯބަރު 2026، ހދ. ނޮޅިވަރަމްގެ 95 ޕަސަންޓު ގެއަށް ފެންވަދެ ގެއްލުންތަކެއްވުން -- ފޮޓޯ/ އެންޑީއެމްއޭ

މީގެ އިތުރުން، ހދ. ނޮޅިވަރަންފަރުގައި ވެސް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމުގެ ސަބަބުން 60 އަށްވުރެ ގިނަ ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެ ރަށުގެ ގިނަ ގެތަކުގެ އަޑިން ފެން އަރައި، ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ އިރު، ވާރޭ ވެހެމުންދާ ކަމަށާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް އެ ރަށުގެ ގެތަކުން މީހުން ނެރެންޖެހޭ ހާލަތަކަށް ނުދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ހަމައެއާއެކު، ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން 190 އަށްވުރެ ގިނަ ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި، ކައުންސިލުން އެ ގެތަކުގެ ހާލަތު ބަލަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. ސިޓީ ކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

23 އޮކްޓޯބަރު 2026، ހދ. ނޮޅިވަރަމްގެ 95 ޕަސަންޓު ގެއަށް ފެންވަދެ ގެއްލުންތަކެއްވުން -- ފޮޓޯ/ އެންޑީއެމްއޭ

މީގެ އިތުރުން ޅ. ނައިފަރުގައި ފެންބޮޑުވެގެން ދެ ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި، މީހުން ނެރެންޖެހޭ ހާލަތެއް މެދުވެރި ނުވި ނަމަވެސް ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. މި ހުރިހާ ރަށްތަކެއްގެ ހާލަތު ބަލައި، ކައުންސިލްތަކާ ގުޅިގެން އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދަނީ ވިއްސާރައާ ގުޅިގެން އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެމުންނެވެ. އެގޮތުން މިއަދު މެންދުރުފަހު 3:00 އިން ފެށިގެން މިރޭ 7:00 އަށް ނ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފައިވާ އިރު، މެންދުރު 12:30 އިން ފެށިގެން ހަވީރު 6:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް ހުދު އެލާޓް ވަނީ ނެރެފައެވެ.